ހެންވޭރު ކެފޭއެއްގައި ސައިބޯން ތިބި ދެ ޒުވާނެއްގެ ގަޔަށް މިއަދު ހެނދުނު ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ. އެ މާރާމާރީ ހިންގާފައި ވަނީ ކަލާފާނު ހިނގުމުގައި ހުންނަ ކޭ މާޓް ކެފޭގަ އެވެ.

މަންޒަރު ދުއް މީހަކު "ސަން"އަށް ބުނީ މިއަދު ހެނދުނު 6:30 އެހާކަންހާއިރު ސައި ކަލެއްގައި އައި ދެ މީހަކު، އެ ކެފޭގައި ސައިބޯން ތިބި ދެ ޒުވާނެއްގެ ގައިގެ އެތަން މިތަނަށް ވަޅި ހަރާފައިވާ ކަމަށެވެ. އަދި އެ ދެ މީހުންގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލުމަށްފަހު އެ މީހުން ފިލާފައިވާ ކަމަށް އޭނާ ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މާރާމާރީގައި ޒަހަމްވި ދެ މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށާއި އެ ދެ މީހުންގެ ހާލު ސީރިއަސް ނޫން ކަމަށެވެ.

އައިޖީއެމްއެޗްގެ އިންފޮމޭޝަން އޮފިސަރު ޒީނަތު އަލީ ހަބީބު ވިދާޅުވީ މާރާމާރީގައި ޒަހަމްވެގެން އައިޖީއެމްއެޗަށް ގެނައި ދެ މީހުންގެ ތެރެއިން އެކަކަށް ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށާއި އަނެއް މީހާއަށް އެމެޖެންސީގައި ފަރުވާދެމުންދާ ކަމަށެވެ.

ކޭމާޓް ކެފޭއަކީ ނެޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ކުރިމަތީގައި ހުންނަ ތަނެކެވެ. އެ އިމާރާތުގައި ހަރުކޮށްފައިވާ ކެމެރާތަކުގެ ތެރެއިން ކޭމާޓް ކެފޭއާ ދިމާލަށް ހުރި ކެމެރާއަށް މާރާމާރީ ހިންގި މަންޒަރު އަރާނެ އެވެ.

ވަޅީގެ ހަމަލާގައި ޒަހަމްވި ދެ މީހުންގެ ގައިން ކެފޭ ތެރެއަށާއި މަގުމައްޗަށް ފޭބި ލޭ ބަޔަކު ދޮންނަނީ-- ސަން ފޮޓޯ/ ހުސައިން ޙަސަން