01 Nov 2014, 23:46
ހުއްދަ ނުހޯދައި އިމާރާތް ކުރާ ފަރާތްތައް އެއް މިލިޔަން ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބިލެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން އެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ޙިލްމީ އެވެ.
އިމާރާތް ކުރުމުގެ ބިލުގެ ނަމުގައި ސައުދުﷲ ހިލްމީ ހުށަހަޅުއްވާފައިވާ ބިލުގައި ބުނެފައި ވަނީ އެ ގާނޫނުގެ ދަށުން ހުއްދަ ހޯދުމަކާ ނުލައި އިމާރާތް ކުރުމުގެ އެއްވެސް މަސައްކަތެއްކޮށްފިނަމަ އެ ފަރާތެއް 50،000 ރުފިޔާ އާއި އެއް މިލިއަން ރުފިޔާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ.
ބިލުގައި ބުނެފައިވާ ގޮތުން އިމާރާތް ކުރުމުގެ ދާއިރާ ތަރައްގީކޮށް، ކުރިއެރުވުމަށްޓަކައި މޯލްޑިވްސް ބިލްޑިން އެންޑް ކޮންސްޓްރޮކްޝަންސް އޮތޯރިޓީގެ ނަމުގައި އިދާރާއެއް އުފައްދަންޖެހެ އެވެ. އެ އޮތޯރިޓީގެ މަސްއޫލިއްޔަތަކީ އިމާރާތް ކުރުމުގެ ދާއިރާއަށް އަސަރު ފޯރާ ނުވަތަ އެ ދާއިރާއާ ގުޅުންހުރި ކަންކަމާ ބެހޭ ގޮތުންނާއި އިމާރާތް ކުުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާ ގުޅޭ ގޮތުން ކަމާބެހޭ ފަރާތަކަށް ލަފާޔާއި އިރުޝާދު ދިނުމެވެ.
މޯލްޑިވްސް ބިލްޑިން އެންޑް ކޮންސްޓްރޮކަޝަން އޮތޯރިޓީ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި އެ އޮތޯރިޓީއަށް ލަފާ ދިނުމަށް ނުވަ މެމްބަރުންގެ މައްޗަށް އެކުލެވޭ ބޯޑެއް އުފައްދަން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. އެ މެމްބަރުން ބޯޑަށް އައްޔަންކޮށް ވަކިކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި އެ ބޯޑު މެމްބަރުންގެ ތެރެއިން ޗެއާމަނަކު ކަނޑައަޅާނީ ވެސް ރައީސުލްޖުމްހޫރިއްޔާ އެވެ.
ހުއްދަ ހޯދުމަކާ ނުލައި އެއްވެސް ފަރާތަކުން އިމާރާތް ކުރުމުގެ މަސައްކަތް ކުރާނަމަ ނުވަތަ އިމާރާތް ކުރުމުގެ މަސައްކަތް ފަށާފައިވާނަމަ އެ ފަރަތަކުން ކުރަމުންދާ މަސައްކަތް ވަގުތުން ހުއްޓާލަން އެންގުމުގެ ބާރު އެ އޮތޯރިޓީއަށް ލިބިގެންވެ އެވެ.
އެ އޮތޯރިޓީ އެންގުމާ އެއްގޮތަށް މަސައްކަތް ހުއްޓާނުލާނަމަ އެ މަސައްކަތް ކުރިއަށް ގެންދާ ކޮންމެ ދުވަހަކަށް ޖޫރިމަނާކުރި އަދަދުގެ ތިނެއް ޕަސެންޓުގެ ޖޫރިމަނާގެ އަދަދަށް އިތުރު ކުރެވޭނެ ކަމަށް އިމާރާތް ކުރުމުގެ ބިލުގައި ބުނެފައިވެ އެވެ.
ސައުދުﷲ ހިލްމީ ހުށަހެޅުއްވި އެ ބިލްގައި ބުނެފައިވާ ގޮތުން އިމާރާތް ކުރުމާއި އިމާރާތް ބޭނުން ކުރުމުގެ ހުއްދަ ދޫކުރާނީ ގާނޫނުގެ ދަށުން އުފެދިގެންދާ އޮތޯރިޓީން ހަދާ އިދާރީ ގަވާއިދުގެ ދަށުން އެ މަސައްކަތް މަތި ކުރާ އިދާރާއަކުންނެވެ. އަދި އިމަރާތް ކުރުމުގެ ގާނޫނުގެ ދަށުން ހަދާ އިދާރީ ގަވާއިދުގައި އިމާރާތް ކުރުމުގެ ހައްދު އެދޭ ފަރާތެއްގެ އަތުން ފީއެއް ނެގުމުގެ އިހްތިޔާރު އެ އޮތޯރިޓީއަށް ލިބިގެންވާ ކަމަށް ބިލުގައި ބުނެފައިވެ އެވެ.
އިމާރާތް ކުރުމުގެ ބިލުގައި ބުނެފައިވާ ގޮތުން އިމާރާތް ކުރުމުގެ އެއްވެސް މަސައްކަތެއް ކޮށްފައި ވަނީ އެ ގާނޫނު ނުވަތަ އެ ގާނުނުގެ ދަށުން ހަދާ ގަވާއިދަކާ ހިލާފަށް ކަމަށް އިމާރާތް ކުރުމުގެ ހުއްދަ ދުކުރާ އިދާރާއަކަށް ފެނިއްޖެނަމަ އެ އިދާރާއަކުން އެ މައްސަލަ ހުށަހަޅަންޖެހޭނީ މޯލްޑިވްސް ބިލްޑިން އެންޑް ކޮންސްޓްރޮކްޝަންސް އޮތޯރިޓީއަށެވެ.
އިމާރާތް ކުރުމުގެ ހުއްދަ ދީފައިވާ ފަރާތަކުން، އިމާރާތް ކުރުމުގެ ގާނޫނާއި އަދި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދަކާ ހިލާފުވެއްޖެނަމަ 15،000 ރުފިޔާ އާއި 50،000 ދެމެދުގެ އަދަދުން ޖޫރިމަނާ ކުރާނެ ކަމަށް އިމާރާތް ކުރުމުގެ ގާނޫނުގައި ބުނެފައިވެ އެވެ. އަދި ގަވާއިދާ ހިލާފަށް އިމާރާތްކޮށްފައިވާ ތަނެއް ރަނގަޅު ކުރުމަށް ނުވަތަ ތަޅާލުމަށް އެންގުމުގެ ބާރު އިމަރާތް ކުރުމަށް ހުއްދަ ދޭ އިދާރާއަކަށް ލިބިގެންވާ ކަަމަށް ވެސް ބިލްގައި ބުނެފައިވެ އެވެ.
މަޖިލީހަށް ހުށަހަޅާފައިވާ ބިލް ފާސްވެ ގާނޫނަކަށްވުމުން ރާއްޖޭގައި އިމާރާތް ކުރުމާގުޅޭ އެންމެ ހައި ސިޔާސަތުތައް ކަނޑައަޅައި ތަންފީޒު ކުރާނީ މޯލްޑިވްސް ބިލްޑިން އެންޑް ކޮންސްޓްރޮކަޝަން އޮތޯރިޓީންނެވެ.
އިމާރާތް ކުރުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުން ރާއްޖޭގެ އިމާރާތް ކުރުމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ހުރިހައި ފަރާތްތަކެއް ވެސް ގިންތި ކުރަން ޖެހޭނެ އެވެ. އަދި ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ ތަރައްގީކޮށް އިމަރާތް ކުރުމުގެ މިންގަނޑުތަކެއް ކަނޑައަޅައި ރާއްޖޭގެ އިމަރާތް ކުރުމުގެ ދާއިރާ ކުރިއެރުވުމުގެ މަގުސަދުގައި އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި ކޮންޓްރޯލް ކުރާނީ އެ ބިލުގެ ދަށުންނެވެ. އެގޮތުން އެ ބިލުގައި ރާއްޖެއަށް އެތެރެ ކުރެވޭނެ ތަކެއްޗާއި އިމާރާތް ކުރުމާއި ގުޅޭ ތަކެތީގައި ހުންނަން ޖެހޭނެ ޝަރުތުތަކެއް ކަނޑައެޅިގެންދާނެ އެވެ.