26 Jan 2011, 11:26
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތައް ރިޕޯޓުކުރުމަށް ކަސްޓަމްސް އިން ތައާރަފްކޮށްފައިވާ ހިލޭ ގުޅޭ ނަންބަރު "1416" ޕްރޮމޯޓްކުރުމުގެ ކެމްޕޭނެއް ފަށައިފި އެވެ.
ބައިނަލްއަގުވާމީ ކަސްޓަމްސް ދުވަސް ފާހަގަކުރުމަށް މިއަދު ކަސްޓަމްސް އޮފީހުގައި ބޭއްވި ހަފްލާއެއްގައި އެ ކެމްޕޭނު އިފްތިތާހު ކޮށްދެއްވީ ޑެޕިއުޓީ ޕްރިންސިޕަލް ކަލެކްޓާ އޮފް ކަސްޓަމްސް އަބްދުއް ރައްޒާގު އަބޫބަކުރެވެ.
ކަސްޓަމުން ބުނީ "1416" އަކީ ރާއްޖެއަށް މަސްތުވާ ތަކެތި އެތެރެ ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބޭ ކޮންމެ މީހަކަށްވެސް ހިލޭ ގުޅައި އެ މައްސަލަ ރިޕޯޓުކުރުމަށް މީގެ ތިން އަހަރު ކުރިން އުފައްދާފައިވާ ނަންބަރެއް ކަމަށެވެ.
"މީ 24 ގަޑިއިރު ހިލޭ ގުޅޭނެ ނަންބަރެއް. އަޅުގަނޑުމެންގެ ކެންޕޭނުގެ މަގުސަދަކީ މިހާރަށްވުރެވެސް ބޮޑަށް 1416 އަކީ އާންމު ރައްޔިތުންނާ ރައްޓެހި ނަންބަރަކަށް ހެދުން. ކޮންމެ ބޭފުޅަކަށްވެސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭ ކަމަށް ޝައްކުވިއަސް ނޫނީ ޔަގީން ނުވިއަސް އަޅުގަނޑުމެންނާ އެ މައުލޫމާތެއް ހިއްސާ ކުރުމުގެ ފުރުސަތު އޮތްކަން ހާމަކޮށްދިނުން އަޅުގަނޑުމެންގެ ބޭނުމަކީ،" ކަސްޓަމްސްގެ ޑިރެކްޓާ އިސްމާއިލް ނާޝިދު ވިދާޅުވި އެވެ.
މީގެ އިތުރުން މިއަދު ބޭއްވި ހަފްލާގައިވަނީ ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމް ]ޔޫއެންއޯޑީސީ[ ގެ ޓްރެއިނިން ޕްރޮގްރާމުތަކެއްވެސް ރާއްޖެގައި ފަށައިފަ އެވެ.
އެ ޕްރޮގުރާމުގައި ކަސްޓަމްސް ސާވިސްގެ މުވައްޒަފުންނާއި ފުލުހުންނާއި ސިފައިންގެ އިތުރުން އިމިގްރޭޝަންގެ މުވައްޒަފުން ބައިވެރިވާނޭ ކަމަށް ކަސްޓަމުން ބުނެ އެވެ. އަދި ކަސްޓަމްސްގެ ހުރިހާ މުވައްޒަފުންނަށް ދެ އަހަރު ދުވަހުގެ ތެރޭގައި އެ ޓްރެއިނިން ޕްރޮގުރާމުން ތަމްރީނު ހޯދައި ދެވޭނެ ކަމަށްވެސް ކަސްޓަމުން ބުންޏެވެ.