01 Nov 2014, 19:36
އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ސުޝްމާ ސުވަރާޖް، މޮރިޝަސް އަށް ވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެއްގައި އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު މަޑުކޮށްލައްވައިފި އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނީ އެކްސްޓާނަލް މިނިސްޓަރު ސުޝްމާ ސުވަރާޖް ގަމުގައި މަޑުކުރައްވައި، އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ އެޑްވާންސްޑް ލައިޓް ހެލިކޮޕްޓަރުގެ ފަޅުވެރިންނާ ބައްދަލުކުރެއްވި ކަމަށެވެ. އަދި ރާއްޖޭގައި ހުންނަވާ އިންޑިއާ ހައިކޮމިޝަނަރު ރާޖީވް ޝަހާރޭ އާއި ހައިކޮމިޝަންގެ އެހެން އިސް ބޭފުޅުން ވެސް ގަމަށް ވަޑައިގެން އޭނާއާ ބައްދަލުކުރެއްވި އެވެ.

އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ސުޝްމާ ސުވަރާޖާއެކު ރާއްޖޭގައި ތިއްބަވާ އެ ގައުމުގެ ސިފައިންނާއި ހައި ކޮމިޝަންގެ އިސް ބޭފުޅުން ފޮޓޯއަކަށް ހުއްޓިގެން-- ފޮޓޯ/ އިންޑިއަން ހައި ކޮމިޝަން
އެޑްވާންސްޑް ލައިޓް ހެލިކޮޕްޓަރުގެ ފަޅުވެރިން ރާއްޖޭގައި ތިބެނީ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ތަކުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް އެހީތެރިވުމަށެވެ. ރާއްޖެ އާއި އިންޑިއާ އާއި ސްރީލަންކާ ގުޅިގެން "ދޯސްތީ12" ގެ ނަމުގައި ބޭއްވި ފަރިތަކުރުންތަކުގައި ވެސް އެ މީހުން ބައިވެރި ވި އެވެ.
ރަސްމީ ދަތުރުފުޅެއްގައި ސުޝްމާ މޮރިޝަސްއަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރާއި ބައްދަލުކުރައްވާނެ އެވެ. އަދި އިންޑިއާގެ މަސައްކަތްތެރިން ފުރަތަމަ ފަހަރަށް އެ ގައުމަށް ފޭބިތާ 180 އަހަރު ފުރުން ފާހަގަ ކުރުމަށް ބާއްވާ ހާއްސަ ރަސްމިއްޔާތުތަކެއްގައި އޭނާ ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އިންޑިއާގެ ނޫސްތަކުން މިއަދު ބުންޏެވެ.