01 Nov 2014, 19:17
އިނގިރޭސި ޕްރިމިއާ ލީގްގެ މެޗުތަކުގެ ތެރެއިން މާދަމާ ރޭ މެންޗެސްޓާ ޔުނިޓަޑް އާއި މެންޗެސްޓާ ސިޓީ ބައްދަލުކުރަން ހަމަޖެހިފައިވާ މެޗަކީ، ދެ ޓީމުން ވެސް ބޮޑެތި ތައްޔާރީތަކެއް ވަމުން އަންނަ މެޗެކެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި އެ ދެ ޓީމް އެންމެ ފަހުން ކުޅުނު ހަ މެޗުން، ފަސް މެޗު ކާމިޔާބު ކޮށްފައި ވަނީ މެންޗެސްޓާ ސިޓީ އެވެ. ނަމަވެސް މިއަހަރު ސިޓީ ކުޅެމުންދާ ލީގުތަކުގައި އެންމެ ފަހުން ކުޅުން ތިން މެޗުން ވެސް އެ ޓީމް ވަނީ ބަަލިވެފައެވެ. މާދަމާ ރޭ ކުޅޭ މެޗްގެ ނަތީޖާ ރަނގަޅު ކުރުމަށް މެންޗެސްޓާ ސިޓީއަށް ވަނީ ޕްރެޝަރާ ކުރިމަތިލާން ޖެހިފަ އެވެ.
"ޓީމުގެ ގިނަ ކުޅުންތެރިން މިވަގުތު ތިބީ އެންމެ ރަނގަޅު ފޯމަކު ނޫން. އަހަރުމެނަށް އޮތީ ހިތްވަރާއެކު ކުޅުން، އޭރުން އަހަރުމެންގެ ކޮންފިޑެންސް ރަނގަޅުވާނީ،" އެ ޓީމްގެ ގޯލްކީޕާ، ހާޓް ބުންޏެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ޔުނައިޓަޑާ ދެކޮޅަށް ސިޓީ ކުޅުން މެޗު 0-4ގެ ނަތީޖާއަކުން ސިޓީީ ކާމިޔާބު ކޮށްފައިވުމަކީ ވެސް އެޓީ މަށް ލިބިގެންދާ އިތުރު ހިތްވަރެކެވެ.
އަނެއް ކޮޅުން މެންޗެސްޓާ ޔުނިޓަޑާއި މިއަހަރު އަލަށް ހަވާލުވި ކޯޗު ވެން ގާލަށް މިއީ މި ދެ ޓީމް ބައްދަލުކުރާ ފުރަތަމަ މެޗެވެ. ސިޓީއާ ދެކޮޅަށް އޭނާގެ ޓީމުން މިހާތަނަށް ކުޅެފައިވާ މެޗްތަކުގެ ނަތީޖާ އެހާ ރަނގަޅު ނޫން ކަމުގައިޔަސް އެކަން ރަނގަޅު ކުރެވިދާނެ ކަމަށް އޭނާ ގަބޫލް ކުރާ ކަމަށް، ވެން ގާލް ވަނީ ބުނެފަ އެވެ.
"އަހަރުމެންގެ މަގްސަދަކީ މޮޅުވުން. އެއީ ވެދާނެ ކަމެއް. އަހަރުމެން މި އަންނަނީ މަޑުމަޑުން ކުރިއަރަމުން. ސިޓީ އެންމެ ފަހުން ކުޅުނު މެޗުތައް އެހާ ރަނގަޅެއް ނޫން، އެހެންވީމަ އެކަކަށް ވެސް ނޭންގޭނެ ވާނެ ގޮތެއް،" ޔުނައިޓަޑްގެ ކޯޗް ވެން ގާލް ބުންޏެވެ.
މީގެ އިތުރުން އޭނާ ވަނީ، ތިން މެޗުގެ ސަސްޕެންޝަނަކަށްފަހު ވޭން ރޫނީ މި މެޗްގެ ފުރަތަމަ އެގާރައިގާ ހިމެނޭނެ ކަމުގެ ޔަގީންކަން ވެސް ދީފަ އެވެ. ނަމަވެސް އެ ޓީމްގެ ފަލްކާއޯ އާއި އީވަންސްއަށް ވަނީ އެންޖަރީގެ ސަބަބުން މެޗްގައި ކުޅެވޭނެ ގޮތް ނުވެފަ އެވެ.
ސިޓީއަށް ބަލައިލާ އިރު އެ ޓީމްގެ ޑޭވިޑް ސިލްވާ އާއި ފްރޭންކް ލަމްޕާޑްއަށް ލިބިފައިވާ އެންޖަރީ ތަކުގެ ސަބަބުން ވަނީ އެ މެޗްގައި ކުޅެވޭނެ ގޮތް ނުވެފަ އެވެ. ނަމަވެސް އެ ޓީމުގެ ޔާޔާ ޓޯރޭއަށް ލިބިފައިވާ އެންޖަރީ އެހާ ސީރިއަސް ނޫން ކަމުން، މިމެޗުގައި އޭނާއަށް ކުޅެވޭނެ ކަމަށް ހަބަރުތައް ލިބިފައިވެ އެވެ.