ދިވެހި ލީގު ކޮލިފިކޭޝަން މެޗުގައި ޔުނައިޓެޑް ވިކްޓްރީ އާއި ބައްދަލު ކުރި މެޗުން 0-5 ލަނޑުން ބީޖީ ސްޕޯޓްސް ފަސޭހަ ކަމާއެކު މޮޅު ވެއްޖެ އެވެ.

ކޮލިފިކޭޝަންގައި ވިކްޓްރީން އެންމެ ފަހުން ކުޅުން މެޗުގައި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) ވަނީ އެ ޓީމުކޮޅަށް 13 ލަނޑު ޖަހައިގެން އެ ޓީމު ލަދު ގަންނަވާލާފަ އެވެ. ޓީސީ ސްޕޯޓްސް ކްލަބާ ބައްދަލުކޮށް ފައިނަލްގައި ބަލިވި ވިކްޓްރީ ޓީމަކީ ދެވަނަ ޑިވިޝަންގެ ރަނަރަޕެވެ.

މިއަދު ކުޅުނު މެޗުގެ ފުރަތަމަ ގޯލު ޖަހާފައި ވަނީ މެޗުގެ 26 ވަނަ މިނެޓުގައި ޕީޖީގެ އާދަމް ފަޒީހް ނަގައިދިން ހުރަހަކުން އެ ޓީމުގެ ނާވީ މުހައްމަދެވެ. ހަމަ އޭގެ ތިން މިނެޓު ފަހުން ބީޖީގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކުރި އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އިބްރާހިމް ހަމްދާން ނަގައިދިން ކޯނަރަކުން ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ކުދުސް އޮމަލޭންޑް ކެލާނީ އެވެ.

ޔުނައިޓެޑް ވިކްޓްރީ ކޮޅަށް ދެ ވަނަ ގޯލު ޖެހިތާ މާ ގިނައިރުތަކެއް ނުވެ ބީޖީން ވަނީ އަނެއްކާވެސް ގޯލެއް ޖަހާފަ އެވެ.

ފުރަތަމަ ހާފު ނިމުން އިރު 0-3 ލަނޑުން ފަސޭހަ ކަމާއެކު ކުރީގައި އޮތީ ބީޖީ އެވެ.

ދެ ވަނަ ހާފު ފެށުމާއެކު ވިކްޓްރީ ކޮޅަށް ބީޖީ އިން ވަނީ ނުރައްކާކޮށް، އިތުރު ދެ ލަނޑު ޖަހާފަ އެވެ. މެޗުގެ ހަތަރު ވަނަ ލަނޑު ޖެހީ 74 ވަނަ މިނެޓުގަ އެވެ.

މެޗު ނިމެން އަށް މިނެޓަށް ވެފައިވަނި ކޮށް ބީޖީގެ ފަހު ގޯލު ޖަހާފައި ވަނީ ބިދޭސީ ކުޅުންތެރިޔާ އަޓަޕާ ކަޒީމް އަޑެއޮލް އެވެ.

ކުއަލިފިކޭޝަން ގެ މާދަމާ މެޗެއް ކުޅެން ހަމަޖެހިފައިވާއިރު މި މެޗުގައި ބައްދަލު ކުރާނީ އޭވައިއެލް އާއި ޓީސީ ސްޕޯޓްސް ކްލަބެވެ.