01 Nov 2014, 17:15
ގައުމީ ބެންކް، ބެންކް އޮފް މޯލްޑިވުސް(ބީއެމްއެލް)ގެ އެމެރިކަން އެކްސްޕްރެސް ކާޑު މެދުވެރިކޮށް ގައުމީ އެއާލައިން މޯލްޑިވިއަންގެ ޓިކެޓެއް ގަނެގެން މޯލްޑިވިއަންގެ މަންޒިލަކަށް ދަތުރުކުރުމުގެ ޓިކެޓެއް ހިލޭ ލިބޭ ޕުރޮމޯޝަންއެއް ފަށައިފިއެވެ.
ބީއެމްއެލްއާއި މޯލްޑިވިއަންއިން ގުޅިގެން ކުރިއަށްގެންދާ އެޕުރޮމޯޝަނާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ބީއެމްއެލްގެ މާކެޓިން މެނޭޖަރު މަރިޔަމް ނަޝްވާ ވިދާޅުވީ އެޕުރޮމޯޝަންގައި ބައިވެރިވެވޭނީ ބީއެމްއެލްގެ އެމެރިކަން އެކްސްޕުރެސް ޑެބިޓް ނުވަތަ ކުރެޑިޓް ކާޑު މެދުވެރިކޮށް މޯލްޑިވިއަންގެ އޮފީހަކުން ޓިކެޓު ގަތުމުން ކަމަށެވެ.
"މި ޕުރޮމޯޝަން ތިން މަސް ދުވަހުގެ ނިޔަލަށް ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައި" ނަޝްވާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެޕުރޮމޯޝަންގެ އިނާމެއްގެ ގޮތުން ގުރުއަތުން ހޮވޭ ފަރާތްތަކަށް މޯލްޑިވިއަންއިން ދަތުރުކުރާ ކޮންމެވެސް އެއްމަންޒިލެއްގެ ދެކޮޅު ޓިކެޓް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޑޮމެސްޓިކް އާއި އިންޓަނޭޝަނަލް ހިމެނޭ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެޕުރޮމޯޝަން ކުރިއަށްގެންދާ ތިން މަސް ދުވަހުގެ ތެރޭގައި މަހަކު ހަތަރު ނަސީބް ވެރިން ހޮވުމަށް ނިންމާފައިވާ ކަމަށެވެ.
މޯލްޑިވިއަންގެ ހެޑް އޮފް ކޮމާޝިއަލް އައިމިނަތު ސަމީހާ ވިދާޅުވީ އެޕުރޮމޯޝަންގައި އިނާމަކަށް ލިބޭ ޓިކެޓު ރީޕަންޑެއް އަދި ލިބޭ ފަރާތްނޫން އެހެން ފަރާތަކަށް ބަދަލެއް ނުކުރެވޭނެ ކަމަށެވެ. އަދި ޓިކެޓު ހިލޭ ދިން ނަމަވެސް ޓިކެޓަށް ދައްކަންޖެހޭ ޓެކުސް ދައްކަންޖެހޭނީ އެބޭފުޅަކު އަމިއްލައަށް ކަމަށެވެ.