އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު "ސަން" އަށް ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ފޮނުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އަންނަ އަހަރަށް ލާފާކުރާ ބަޖެޓް 2013 ވަނަ އަހަރާ އަޅާބަލާއިރު ބޮޑުވާނެ ކަމަށެވެ.

ނަމަވެސް އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓްގެ ޖުމްލައަދަދަކީ ކިހާވަރެއް ކަމެއް އަދި އެކަމުގެ ތަފްސީލެއް ވެސް މިނިސްޓަރު ނުދެއްވަ އެވެ.

"ބަޖެޓް މިހާރު އެވަނީ މަޖިލީހަށް ހުށަހެޅިފައި، ބަޖެޓް ސްޓޭޓްމަންޓް އިއްވުމުގެ ކުރިން އެ ތަފްސީލްތައް ދިނުން ދަތި،" ޖިހާދު ވިދާޅުވި އެވެ.

މާލިއްޔަތު ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ކޮންމެ މާލީ އަހަރަކަށް އެކުލަވާލެވޭ އެ އަހަރުގެ ދައުލަތުގެ ބަޖެޓު މިނިސްޓަރު ތައްޔާރުކޮށް ބަޖެޓު އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ އެންމެ ލަސްވެގެން ދެ މަސް ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ. ބަޖެޓް ހުށަހެޅުމަށް ގާނޫނުގައި ބުނެފައިވާ މުއްދަތު އިއްޔެގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން މިއަހަރަށް މަޖިލީހަށް ހުށަހެޅީ 16.4 ބިލިއަން ރުފިޔާގެ ބަޖެޓެވެ. އަދި މިސަރުކާރުން ވަނީ އެ ބަޖެޓް އަލުން ހުށައެޅި އިރު 17.5 ބިލިއަން ރުފިޔާ އަށް ބަޖެޓް ބޮޑުކޮށްފަ އެވެ. އެއަށްފަހު އެބަޖެޓް މަޖިލީހުގެ ބަޖެޓް ކޮމެޓީއަށް ފޮނުވުމުން އެ ކޮމެޓީ އިން ވަނީ 18.2 އަށް ބޮޑުކޮށްފަ އެވެ. ނަމަވެސް ސަރުކާރުގެ އެދުމުގެ މަތިން މިއަހަރުގެ ބަޖެޓް ވަނީ 17.9 ބިލިއަނަށް ރުފިޔާ އަށް ކުޑަކޮށްފަ އެވެ.