01 Nov 2014, 15:53
އޮޑިޓާ ޖެނެރަލް ހިންގަވާ ކޮރަޕްޝަންގެ އަމަލުތައް ބެލޭނެ އިންތިޒާމް ހަމަޖެއްސުމަށް ޓަކައި އޮޑިޓް ގާނޫނަށް އަނެއްކާވެސް އިސްލާހު ހުށަހަޅަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ވައްޑޭ) ވިދާޅުވެއްޖެ އެވެ.
ސަން ޓީވީގެ '50 މިނިޓް' ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން ވައްޑޭ ވިދާޅުވީ އޮޑިޓް އޮފީހުން ހިންގާ ފައިސާގެ މުއާމަލާތްތައް ބެލުމަށް ޚާއްސަ މީހަކު ކަނޑައަޅާފައި ހުންނަން ޖެހޭ ކަމަށެވެ. އެކަން ކުރެވޭނީ އޮޑިޓް ގާނޫނަށް އިސްލާހެއް ގެނެސްގެން ކަމަށް ވައްޑޭ ވިދާޅުވި އެވެ.
"ވާނެގޮތަކީ އޮޑިޓާ ޖެނެރަލް ބޭނުންހާ ގޮތަކަށް އޭނާ އޮޑިޓާ ޖެނެރަލް ކަމުގައި ހުންނަވައި ކޮރަޕްޓް އަމަލެއް ހިންގިޔަސް އޭނާ ހާމާ ނުކުރާނެ ނޫންތޯ. އެހެންވީމަ މިބަޔާ ދޭތެރޭ ވިސްނާފައި ގާނޫނަށް އެބަ ޖެހޭ އަނެއްކާ ވެސް އިތުރު އިސްލާހު ގެންނަން،" ވައްޑޭ ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް އޮޑިޓް ރިޕޯޓެއް ނެރުއްވީ އިތުރަށް މަޝްހޫރުވުމަށް ކަމަށާއި އެއީ ސިޔާސީ އޮޑިޓް ރިޕޯޓެއް ކަމަށް ވައްޑޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ އޮޑިޓް ރިޕޯޓުގައި ތުހުމަތުކޮށްފައިވާ ކަންތައްތައް ކުރިގޮތާއި އެކަން ހިނގާފައި ވަނީ ކިހިނެއް ކަން ވެސް އޮޑިޓް ރިޕޯޓުގައި ބުނެދީފައިނުވާ ކަމަށެވެ. އަދި އެ ރިޕޯޓަކީ ގާނޫނީ ހައިސިއްޔަތެއް އޮތް އޮޑިޓް ރިޕޯޓެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.