މާލެގެ މަގުތަކުގައި އިންދާފައި ހުރި ފެން ފޯއް ރުއްތައް ބަޔަކު ކަނޑާލުމާ ގުޅިގެން އަތޮޅު ތެރޭގެ ބައެއް ރަށްރަށުން މާލެ ސިޓީ އަށް ފެން ފޯއްް ރުއް ހަދިޔާ ކުރަމުން ގެންދާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު މިއަދު "ސަން" އަށް ވިދާޅުވީ މާލޭގައި ދިރިއުޅޭ ގިނަ އަދެއްގެ މީހުންގެ ތެރޭގައި ގިނައީ އަތޮޅު ތެރޭގެ ރަށްރަށުގެ މީހުން ކަމަށާއި ފެންފޯއް ރުއްތައް ކަނޑަލުމާ ގުޅިގެން އަތޮޅު ތެރޭގައި އުޅޭ ބައެއް ފަރާތްތަކުން ރުއްތައް ހަދިޔާ ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މިއަދު ވެސް ގިނަ އަދަދެއްގެ ރުއްތައް ލިބިފައިވާ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ. މޭޔަރު ވިދާޅުވީ މިހާތަނަށް ލިބިފައިވާ ހުރިހާ ރުއްތަކަކީ ވެސް ރާއްޖެ ތެރެއިން ލިބެމުން އަންނަ ރުއްތަކެއް ކަމަށާއި ރާއްޖެ އިން ބޭރުން އެއްވެސް ވަރަކަށް ރުއް އެތެރެކޮށްްފަައި ނުވާ ކަމަށެވެ.

"މާލޭގައި އުޅެނީ ހަމައެކަނި މާލޭ މީހުންނެއް ނޫން. އަތޮޅު ތަކަށް ނިސްބަތްވާ ގިނަ ބަޔަކު ވެސް އެބައުޅޭ މާލޭގައި. އޭގެތެރެއިން ހެޔޮއެދޭ ވަރަށް ގިނަ ބަޔަކު ރުއްތަކާއި އެކިފާޑު ފާޑުގެ ގަސްތައް ހަދިޔާކުރަމުން އަންނަނީ،" ޝިހާބް ވިދާޅުވި އެވެ.

މާލޭ ސިޓީގައި އިންދުމަށް ގެންނަ އެ ރުއްތައް މާލޭގެ މަގުތަކުގައި ޖަހަން ފަށާނެ ވަކި ދުވަހެއް މޭޔަރު ވިދާޅެއް ނުވެ އެވެ. ނަމަވެސް ވިދާޅުވީ އެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާ މެދު ކައުންސިލުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

މާލޭގައި އިންދާފައި ހުރި ފެންފޯއް ރުއްތައް ބަޔަކު ނުކުމެ ކަނޑާލާފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރެ އެވެ. އެކަންތައް ކޮށްފައިވަނީ ބަޔަކު ދުރާލައި ރާވައިގެން ކަމަށް ސިޓީ ކައުންސިލުން ތުހުމަތުކޮށްފައިވާއިރު އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.