01 Nov 2014, 15:06
މާލޭގެ މަގުތަކުގައި ފެން ހެދޭ މައްސަލަ ހައްލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެންމެ ބޮޑަށް ފެންހެދޭ ސަރަހައްދުތަކުން ފެން ހިންދުމަށް އިިތުރު ހޮޅިއެއް މޫދަށް އެޅުމުގެ މަސައްކަތް ފަށައިފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު ޝިހާބް މިއަދު "ސަން" އަށް ވިދާޅުވީ ވިއްސާރަވެ ފެންބޮޑުވުމުން އެންމެ ބޮަޑަށް ފެން ހެދޭ އެ ސަރަހައްދަކީ އަމީނީމަގު ހުޅަނގު ފަރާތުގައިވާ ސަރަހައްދުގައި ކަމަށެވެ. އަދި އެ މައްސަލަ އަށް ހައްލެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ އެޅުމަށް ހަމަޖެހިފައިވާ ހޮޅި އެޅުމުގެ މަސައްކަތް މިއަދު މެންދުރު ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެގޮތުން އެ މަސައްކަތް މިއަދު ފަށާފައި ވަނީ ކަޅުތުއްކަލާ ކޮއްޓާއި ސްޓޭޑިއަމްއާ ދެމެދުގައި އޮންނަ މަގުގައި ކަމަށެވެ.

"ކުރިން އެ ސަރަހައްދުގައި އޮންނާނެ މޫދަށް ޕައިޕެއް އަޅައިފައި. އެހެންނަމަވެސް ވަރަށް ގިނަ ޕަންޕިން ސްޓޭޝަންތަކަށް ވަނީ މައްސަލަތަކެއް ކުރިމަތިވެފައި. އެމްޑަބްލިއުއެސްސީ އާ ގުޅިގެން އަޅުގަނޑުމެންގެ ސްޓާފުން ވެސް ބޭނުންކޮށްގެން އެ ޕަންޕިންގް ސްޓޭޝަންތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން ގެންދަނީ،" ޝިހާބް ވިދާޅުވި އެވެ.
މާލޭގެ މަގުތަކުގައި ފެންހެދޭ މައްސަލަ އަށް ހައްލެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތަކީ މާލެ ސިޓީ ކައުންސިލާއި އެމްއެންޑީއެފް އަދި މާލޭ ވޯޓާ އެންޑް ސުވަރޭޖް ގުޅިގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށް ވެސް ޝިހާބް ވިދާޅުވި އެވެ.
އަދި އެ މަސައްކަތުގެ ދަށުން ފެން ހިންދާ ޕަންޕިންގް ސްޓޭޝަންތައް މަރާމާތު ކުރުމުގެ މަސައްކަތް ނިމި، އެ މައްސަލަ އަށް ނޮވެމްބަރު މަހުގެ މެދެއްހާތާގައި ހައްލެއް ލިބޭވަރު ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޝިހާބް ވިދާޅުވި އެވެ.