01 Nov 2014, 14:36
ފުއްޕާމޭގެ ބަލިތަކާއި ފުއްޕާމޭގައި ތާށިވާ އެއްޗެހި ނެގުމުގެ ހިދުމަތް ނުވަތަ ބްރޮންކޮސްކޮޕީގެ ހިދުމަތް އައިޖީއެމްއެޗްގައި މިއަދު ރަސްމީކޮށް ފަށައިފި އެވެ.
ބްރޮންކޮސްކޮޮޕީގެ ހިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތަަކާ އެކު މިދިޔަ މަހުން ފެށިގެން އެ ހޮސްޕިޓަލުގައި އަންނަނީ އެ ހިދުމަތް ދެމުންނެވެ. ނަމަވެސް މިއަދު އެ ހިދުމަތް ރަސްމީކޮށް ފެއްޓި އިރު އެ ހޮސްޕިޓަލުގައި ވަނީ ހާއްސަ ކޮޓަރިއެއް ވެސް ހަދައިފަ އެވެ.
މި ހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ޓަކައި މިއަދު އައިޖީއެމްއެޗްގައިި ބޭއްވި ރަސްމިއްޔާތެއްގައި ފުއްޕާމޭގެ ހާއްސަ ޑޮކްޓަރު މުހައްމަދު އިސްމާއިލް މިއަދު ވިދާޅުވީ ނޭވާހޮޅީގައި ބުރުގަލުގައި ޖަހާ ދަތި ފިން ފަދަ އެއްޗެއްސާއި ސުޕާރީ ފަދަ ތަކެތި ތާށިވެގެން އެ ހޮސްޕިޓަކަށް ގިނަ ބަޔަކު އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ ކުރިން އެފަދަ މައްސަލަތައް ދިމާވެގެން އަންނަ މީހުންނަށް ހިދުމަތް ދެމުން ގެންދިޔައީ އިމެޖެންސީ ކޭސްތަކުގެ ގޮތުގައި އެމެޖެންސީ ރޫމްގައި ކަމަށެވެ. ނަމަވެސް މިހާރު އެފަދަ މައްސަލަތަކުގައި ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗްގެ އޯޕީޑީން ނަމްބަރު ވެސް ދޫކުރާނެ ކަމަށެވެ.
މީގެ ކުރިން އައިޖީއެމްއެޗަށް ރިޕޯޓްކުރާ އެފަދަ ބައެއް މައްސަލަތަކުގައި ރާއްޖެ އިން ބޭރަށް ޕޭސަންޓުން ފޮނުވައިގެން ވެސް ފަރުވާ ހޯދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ފުއްމާމޭގެ ހާއްސަ ޑރ. މޫސާ ހުސެން މިއަދު ވިދާޅުވީ އެ ހިދުމަތް ދިނުމަށް މިހާރު އައިޖީއެމްއެޗަށް ލިބިފައިވާ ވަސީލަތްތަކާއި ޑޮކްޓަރުންނާ އެކު ރާއްޖެ އިން ބޭރުން އެ ހިދުމަތް ދޭ ފެންވަރަށް ނުވަތަ އެއަށްވުރެ ވެސް ރަނގަޅަށް އައިޖީއެމްއެޗުން ހިދުމަތް ދޭން ކަމަށެވެ.
މިދިޔަ މަހުން ފެށިގެން އެ ހިދުމަތް ދޭން ފެށި ފަހުން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް އެފަދަ ފަސް މައްސަލައެއް އައިޖީއެމްއެޗަށް ރިޕޯޓްކޮށްފައިވާ ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.