ފަލަސްތީނުގެ ގުދުސްގައިވާ މަސްޖިދުލް އަޤުޞާ މުޅިން ބަންދުކުރުމަށް ފަހު އިސްރާއީލުން އެ މިސްކިތް އަލުން ހުޅުވައިފި އެވެ.

އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ބުނީ އިސްރާއީލުން ބަންދުކުރި ދީނީ ސައިޓް (އަޤުޞާ މިސްކިތް) އިއްޔެ އަލުން ހުޅުވި ނަމަވެސް އެތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ސަލާމަތީ ބާރުތަކުގެ 1000 މީހުން ބައިތިއްބާފައިވާ ކަމަށެވެ. އަދި ބުނީ އިސްރާއީލުގެ ގިނަ ޗެކްޕޮއިންޓްތަކެއް ހުރަސް ކުރުމަށް ފަހު މުސްލިމުންގެ މަދު މީސްކޮޅެއް އިއްޔެ އެތަނަށް ވަދެ އަޅުކަން ކުރި ކަމަށެވެ.

އިއްޔެގެ ހުކުރު ނަމާދަށް ފަހު އަޤުސާގެ ކައިރީގައި ހަމަނުޖެހުމެއް ހިނގާފައެއް ނުވެ އެވެ. ނަމަވެސް ހުޅަނގު އައްސޭރީގެ ރާމަﷲގައި މުޒާހަރާ ކުރަމުން ދިޔަ މީހުންނާއި އިސްރާއީލު ސިފައިންނާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި ފަލަސްތީނުގެ ފަސްމީހުން ޒަހަމްވި ކަމަށް އިސްރާއީލުން ބުންޏެވެ. އަދި ބުނެފައި ވަނީ ހުޅަނގު އައްސޭރީގެ އެހެން ފަސް ސަރަހައްދެއްގައި ފަލަސްތީނު މީހުންނާއި އިސްރާއީލު ސިފައިންނާ ދެމެދު ހަމަނުޖެހުންތައް ހިނގި ކަމަށެވެ.