ހަ ބުރީގެ އިމާރާތެއްގެ މަސައްކަތް ކުރިއަށް ދަނިކޮށް ގާނޫނީ އެއްވެސް ސަބަބެއް ނެތި އެ އިމާރާތުގެ މަސައްކަތް މާލޭ މުނިސިޕަލްޓީން ހުއްޓުވާފައިވާތީ އެކަން ސިވިލް ކޯޓުން ބާތިލްކޮށް އިމާރާތް ކުރުމުގެ ހުއްދަ ދިނުމަށް މުނިސިޕަލްޓީގެ މައްޗަށް އިއްޔެ އަމުރުކޮށްފި އެވެ.

ގާޒީ އަލީ ނަސީރު ކުރައްވާފައިވާ ހުކުމުގައި ވަނީ ހ. ހުދުފިނިފެންމާގެ އިން ހަސަން ޝާކިރަށް ލިބިފައިވާ ބައިގައި ހަ ބުރީގެ އިމާރާތެއް އެޅުމަށް މާލޭ މުނިސިޕަލްޓީން ހުއްދަ ދީފައިވާ ކަމަށެވެ. އެކަމަކު އެ އިމާރާތުގެ މަސައްކަތް ކުރަމުން ދަނިކޮށް ޖޫން 18، 2009ގައި އިމާރާތް ކުރުމުގެ މަސައްކަތް ހުއްޓާލުމަށް އަންގައި މިހާތަނަށް ވެސް އެ ހުއްދަ ދީފައި ނުވާ ކަމަށް އެ ހުކުމުގައިވެ އެވެ. އެކަމަކު އިމާރާތުގެ މަސައްކަތް ހުއްޓާލުމަށް އެންގޭނެ ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް ގާޒީ އަލީ ނަސީރުގެ ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.

އެ ހުކުމުގައި ވަނީ އިމާރާތް ކުރުމުގެ މަސައްކަތް ހުއްޓާލުމަށް އެންގި އެންގުން މިހިނދުން މިހިނދަށް ބާތިލް ކަމަށް ކަނޑައަޅައިފަ އެވެ. އަދި އެ ގޭގައި އިމާރާތް ކުރުމުގެ ހުއްދަ އަލުން ދިނުމަށާއި މަސައްކަތް ހުއްޓުވާފައި އޮތުމުން ހަސަން ޝާކިރަށް ލިބިފައިވާ އަދި ލިބެމުންދާ ގެއްލުމުގެ ޒިންމާ މާލޭ މުނިސިޕަލްޓީން އުފުލަން ޖެހޭނެ ކަމަށެވެ.

މުނިސިޕަލްޓީއާ ދެކޮޅަށް ޝާކިރު ކުރި ދައުވާގައި ބުނެފައި ވަނީ މުނިސިޕަލްޓީން އިމާރާތުގެ މަސައްކަތް ހުއްޓުމަށް އެންގީ، އިމާރާތުގެ ދެކުނު ފަރާތުގައި އޮންނަ ގޯޅިއަށް ވަދެ ނުކުމެ އުޅެން ދޮރެއް ބަހައްޓާފައި ހުރުމުން އެ މައްސަލަ މުނިސިޕަލްޓީއަށް ހުށަހަޅައި ބަލަމުން ގެންދާތީ ކަމަށެވެ. އެކަމަކު އެ ދޮރަކީ ބަންޑާރަ މަގަކަށްވާ ގޮތަށް ބަހައްޓާފައިވާ ދޮރެއް ކަމަށާއި އިމާރާތުގެ ކުރެހުން މުނިސިޕަލްޓީން ފާސްކޮށްފައި ވަނީ ދޮރު އެގޮތަށް ބަހައްޓަން ކަނޑައަޅާފައި ވަނިކޮށް ކަމަށް ވެސް ޝާކިރުގެ ދައުވާގައި ބުނެފައިވެ އެވެ.

ސިވިލް ކޯޓުން މި ގޮތަށް ހުކުމް ކުރުމާ ގުޅިގެން މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ނިންމައިފަ އެވެ. ނަމަވެސް ހައި ކޯޓަށް މައްސަލަ ހުށަހަޅަނީ ކޮން ސަބަބަކާ ކަމެއް އެޓާނީ ޖެނެރަލްގެ އޮފީހަކުން ނުބުނެ އެވެ.