ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތްތައް ބޭނުން ކުރާ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓޫރިޒަމް ގްޑްސް އެންޑް ސާވިސް ޓެކްސް (ޓީޖީއެސްޓީ) މިއަދު ފެށިގެން 12 ޕަސެންޓަށް ބޮޑުވުމާ އެކު، ދިވެހިންގެ ބޭނުން ކުރާ ބައެއް ހިދުމަތްތަކުން ވެސް އެ އަދަދަށް ޓެކްސް ނެގުން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން އެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލެވެ. މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް އޭނާ ހުށަަހަޅުއްވާފައިވާ ބިލުގެ ފުރަތަމަ ކިޔުން މިދިޔަ ހަފްތާގައި ވަނީ މަޖިލީހަށް އިއްވާފަ އެވެ.

އެ ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް މުހައްމަދު އިސްލާއިލް ވިދާޅުވެފައި ވަނީ އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ ފަރާތްތަކުން ވިއްކާ މުދަލާއި ދޭ ހިދުމަތްތަކުން ނަގާ ޓެކްސް ޓޫރިސްޓުންނެކޭ އެއްފަދައިން ދިވެހިންގެ އަތުން ވެސް ނަގަމުންދާތީ، އެކަން ހުއްޓުވަން ބޭނުންވާ ކަމަށެވެ.

އޭނާ ހުށަހެޅުއްވި ބިލުގައި ބުނެފައިވާ ގޮތުން އެތެރޭގެ އުދުހުންތަކުގައި 12 ޕަސެންޓުގެ ޓީޖީއެސްޓީ ނަގަން ޖެހޭނީ ހަމައެކަނި ފަތުރުވެރިންގެ އަތުން ކަމަށެވެ.

ގާނޫނަށް އެގޮތަށް އިސްލާހު ގެނައުމުން ދިވެހިންގެ އަތުން ނަގާނީ ޖީއެސްޓީގެ ގޮތުގައި މިހާރު ނަގަމުން އަންނަ ހަ ޕަސެންޓުގެ ޓެކްސެވެ.

ޓީޖީއެސްޓީ 12 ޕަސެންޓަށް ބޮޑުވުމާ އެކު ރިސޯޓުތަކާއި ޓޫރިސްޓު ހޮޓާތަކާއި ގެސްޓް ހައުސްތަކާއި ފިކްނިކް އައިލެންޑްތަކާއި ޓޫރިސްޓު އުޅަނދުތަކުގެ އިތުރުން ޔޮޓް މެރީނާތަކުން ވެސް ދިވެހިންނަށް ހިދުމަތް ދޭނީ 12 ޕަސެންޓުގެ ޓެކްސްއަކާ އެކު އެވެ.

އެފަދަ ތަންތަނުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންގެ އަތުން 12 ޕަސެންޓުގެ ޓެކްސް ނެގުން ހުއްޓުވުމަށް ޓަކައި މުހައްމަދު އިސްލާއިލް ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ އެފަދަ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ ކުރެވިގެން ހިންގާ ފިހާރަތަކުން ޓީޖީއެސްޓީ ނަގައިގެން ނުވާނެ ކަމަށެވެ. އެ އިސްލާހު އެގޮތަށް ފާސްވެއްޖެ ނަމަ އެފަދަ ތަންތަނުން ދިވެހިންގެ އަތުން ނަގާނީ ހަ ޕަސެންޓުގެ ޖީއެސްޓީ އެވެ.