ގދ. ވާދޫން ފުރައިގެން އެ އަތޮޅު ތިނަދު އަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް ފަޅައިގެން ގޮސްފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވީ އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް އަދި ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވާދޫ ކައުންސިލްގެ ރައީސް އަހުމަދު އަބްދުލްކަރީމް މިއަދު "ސަން" އަށް ވިދާޅުވީ އެ ހާދިސާ ހިނގީ
މިއަދު ހެނދުނު 8 ޖަހާކަންހާއިރު އެ ލޯންޗު ވާދޫން ފުރައިގެން ތިނަދު އަށް ދަނިކޮށް ކަމަށާއި ލޯންޗު ފަޅައިގެން ގޮސް ދިޔަވުމާ ގުޅިގެން ކޯސްްޓްގާޑުގެ އެހީތެރިކަމާ އެކު އޭގެެން ދަތުރުކުރި އެންމެން އަނބުރާ ވާދު އަށް ގެންގޮސްފައިވާ ކަމަށެވެ.

"ކޯސްްޓްގާޑު ދިޔަ އިރު އެލޯންޗު އޮތީ މި އަތޮޅު ހޮޑައިދޫ ކައިރީގައި އޮންނަ ފަޅު ރަށެއްގެ ބީޗާއި ކައިރިކޮށްފައި، އޭގެން ދަތުރު ކުރި އެންމެން ވެސް މިހާރު ވަނީ ރަށަށް ގެނެސްފައި،" އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ލޯންޗަކީ އެ ރަށު ނޫރާނީގެ، އަހުމަދު އަބްދުﷲ ނަމަކަށް ކިޔާ މީހަކު ވަރަށް ފަހުން ގަނެގެން އުޅޭ ލޯންޗެއް ކަމަށާއި އެ ހާދިސާ ހިނގި އިރު އޭގެން ދަތުރު ކުރީ ކުޑަ ކުއްޖަކާއި އަންހެނުންތަކަކާއި ލޯންޗްގެ ފަޅުވެރިން ކަމަށެވެ.