01 Nov 2014, 12:52
ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތްތައް ބޭނުން ކުރާ ޓޫރިސްޓުން އަތުން ނަގަމުން އަންނަ ޓޫރިޒަމް ގްޑްސް އެންޑް ސާވިސް ޓެކްސް (ޓީޖީއެސްޓީ) މިއަދުން ފެށިގެން 12 ޕަސެންޓަށް ބޮޑުވެފައިވާއިރު ރާއްޖޭގެ އުދުހުންތަކުގެ ޓިކެޓްތަކުގެ އަގު ބޮޑުވެއްޖެ އެވެ.
އެތެރޭގެ އުދުހުންތަކުގެ ހިދުމަތްދޭ ދެ ކުންފުނި ކަމަށްވާ ފްލައިމީ އާއި މޯލްޑިވިއަން އަށް ޓިކެޓެއް ނެގުމަށް ގުޅާލުމުން އެދެ ކުންފުނިން ވެސް ބުނެފައި ވަނީ ފްލައިޓް ޓިކެޓްތައް މިހާރު ވިއްކަމުން ގެންދަނީ ޓެކުސްގެ ގޮތުގައި 12 ޕަސެންޓް ހިމަނައިގެން ކަމަށެވެ. އެކަމުގައި ދިވެއްސަކާއި ބިދޭސީ އަކާ ތަފާތެއް ނެތް ކަމަށް އެދެ ކުންފުނިން ވެސް ވަނީ ބުނެފަ އެވެ.
އެކަމާ ގުޅޭ ގޮތުން އެދެ އެއާލަިއންގެ ވެސް ރަސްމީ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.
ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް މީގެ ކުރިން ވިދާޅުވެފައި ވަނީ ޓީޖީއެސްޓީ ބޮޑުވި ނަމަވެސް އެތެރޭގެ އުދުހުންތަކުގައި އާންމުންގެ އަތުން ނަގާނީ މިހާރު ވެސް ނަގަމުންދާ މިންވަރަށް ކަމަށެވެ.
"ޓީޖީއެސްޓީ މިދަނީ 12 ޕަސެންޓަށް ބޮޑުވާން، އެތެރޭގެ އުދުހުންތަކުގައި 12 ޕަސެންޓަށް ޓީޖީއެސްޓީ ބޮޑުވި ނަމަވެސް އާންމު ފަރުދުންގެ އަތުން ހަމަ ނަގާނީ ޖެނެރަލް ޖީއެސްޓީ،" މިނިސްޓަރު އަދީބް ވިދާޅުވި އެވެ.
މުދަލާއި ހިދުމަތްތަކުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް 2011 އަހަރު އަމަލު ކުރަން ފެށި އިރު ޓީޖީއެސްޓީގެ ގޮތުގައި ނަގަމުން އައީ 3.5 ޕަސެންޓެވެ. އަދި 2012 އަހަރުގެ ޖެނުއަރީ ފެށިގެން، އެ އަހަރު ޑިސެމްބަރާ ހަމައަަށް ނަގަމުން ދިޔައީ ހަ ޕަސެންޓުގެ ޓީޖީއެސްޓީ އެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން އަށް ޕަސެންޓަށް ޓީޖީއެސްޓީ ބޮޑު ކުރި އެވެ. މުދަލާއި ހިދުމަތްތަކުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން އެކި މަރުހަލާތަކުގައި ނަގަމުން ދިޔައި ޓީޖީއެސްޓީ، 12 ޕަސެންޓަށް ބޮޑު ކުރުމަށް މަޖިލީހުން ފާސް ކުރީ މިއަހަރުގެ ފެބްރުއަރީ ހަތަރެއްގަ އެވެ. ރައީސުލްޖުމްހޫރިއްޔާ އެ ބިލް ތަސްދީގު ކުރެއްވީ މި އަހަރުގެ ފެބްރުއަރީ ހަ ވަނަ ދުވަހު އެވެ.
އެ ގާނޫނުގައި ބުނެފައިވާ ގޮތުން ފަތުރުވެރިނަށް ދެމުން ގެންދާ ހިދުމަތްތަކުން ނަގަމުން އަންނަ އަށް ޕަސެންޓުގެ ޓީޖީއެސްޓީ ނޮވެމްބަރު 1، 2014 އިން ފެށިގެން 12 ޕަސެންޓަށް ބޮޑުވާނެ އެވެ.