01 Nov 2014, 12:45
ޓައިވާނުގެ ދެކުނުގައި އޮންނަ ސިޓީއެއް ކަމަށްވާ ކައޯސިއަންގްގައި އެންމެ ގިނަ މަދިރި މަރާ މީހަކަށް އިނާމުދޭ ގޮތަށް މުބާރާތެއް ފަށައިފި އެވެ.
ބީބީސީ އިން މިއަދު ބުނި ގޮތުގައި ކައޯސިއަންގްގައި މަދިރި މަރާ މުބާރާތެއް ފެށީ އެ ސިޓީގައި ފެތުރެމުން އަންނަ މަދިރިން ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ ޑެންގީ ހުން ނައްތާލުމަށް ކަަމަށެވެ. އެންމެ ގިނަ މަދިރި މަރާ މީހަކަށް 100 ޑޮލަރުގެ އިނާމެއް ލިބޭ އެ މުބާރާތަކީ ކައޯސިއަންގް ސިޓީގެ ސިއްހީ ކަންކަމާ ބެހޭ ޑިޕާޓްމަންޓުން ކުރިއަށް ގެންދާ މުބާރާތެއް ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ.
"ބޭނުން ނުކުރާ ފެން އެއްކޮށްފައި ބަހައްޓާ މީހުންނާއި އެހެނިހެން ގޮތް ގޮތުން މަދިރި އާލާވާ ކަހަލަ ކަންތައްތަކަށް މަގުފަހިކުރާ މީހުން ޖޫރީމަނާ ކުރުމުގެ ބަދަލުގައި، އަޅުގަނޑުމެން ވިސްނާ ގޮތުގައި މިކަހަލަ ޕްރޮގްރާމެއް ބޭއްވުމުން ގިނަ މީހުން ބައިވެރިވާނެ އެވެ." ކައޯސިއަންގްގެ ސިއްހީ ޑިޕާޓްމަންޓްގެ މުވައްޒަފެއްކަމަށްވާ ހޯ ހުއި ޕިންގް ބުނެފައިވާ ކަމަށް ޓައިވާނުގެ އޮންލައިން ނޫހެއް ކަމަށްވާ 'ފޯކަސް ޓައިވާން' ވެބްސައިޓްއާއި ހަވާލާދީ ބީބީސީ އިން ބުނެފައިވެ އެވެ.
މަދިރިން ޖެހޭ ނުރައްކާތެރިި ޑެންގީ ހުން ނައްތާލުމަށް ކުރިއަށް ގެންދާ އެހަރަކާތުގައި ބައިވެރިވުމަށް އެސިޓީ ރައްޔިތުން ކުރަން ޖެހޭ ކަމަކީ ދިރިހުއްޓާ ނޫނީ ޗިސްކޮށް މަރާލާފައިވާ މަދިރި އެއްކޮށްގެން ގެނެސް ކައޯސިންގްގެ ސިއްހީ ޑިޕާޓްމަންޓާއި ހަވާލުކުރުމެވެ. އެންމެ ގިނަ މަދިރި މަރާ މީހާ އަށް ފައިސާގެ އިނާމެއް ލިބޭ އިރު ދެވަނަ އަށް ދާ މީހާއަށް ލިބެނީ މަދިރި ނެޓަކާއި މަދިރި ބޭހެވެ.
ޗައިނާ ޕޯސްޓް އާއި ހަވާލާދީ ބީބީސީ އިން ބުނި ގޮތުގައި ކައޯސިންގްގައި 7000 އަށް ވުރެ ގިނަ މީހުންނަށް ޑެންގީ ޖެހިފައިވެ އެވެ. އަދި ދުވަހެއްގެ މައްޗަށް 200 މީހުންނަށް ޑެންގީ ޖެހޭ ކަމަށް ވެސް އެނޫހުން ބުނެފައިވެ އެވެ.