01 Nov 2014, 11:17
ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެމްޓީސީސީ އަށް މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި އެހެން ކުއާޓާތަކަށް ވުރެ ފައިދާ ދައްވެ ސާފު ފައިދާ 15 މިލިއަން ރުފިޔާގެ ފައިދާއެއް ވެއްޖެ އެވެ.
އެމްޓީސީސީގެ ތަފާސް ހިސާބުތަކަށް ބަލާ އިރު މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 22 މިލިއަން ރުފިޔާ ފައިދާވި އިރު، ދެވަނަ ކުއާޓަރުގައި ވަނީ 30 މިލިއަން ރުފިޔާގެ ފައިދާއެއް ވެފަ އެވެ. އަދި ތިން ވަނަ ކުއާޓާގައި ފައިދާގެ ގޮތުގައި ލިބިފައި ވަނީ 15 މިލިއަން ރުފިޔާ އެވެ.
އެ ކުންފުނީގެ މާލީ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ތިން ވަނަ ކުއާޓާގައި އެ ކުންފުނިން 187 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެ އެވެ. އެގޮތުން އެ ވިޔަފާރިން ޖުމްލަ ފައިދާގެ ގޮތުގައި 38 މިލިއަން ރުފިޔާ ލިބުނެވެ. އެހެން ކަމުން ވިޔަރަފާރިކޮށްގެން ލިބުނު ފައިދާ 19 މިލިއަން ރުފިޔާ އަށް އަރާފައިވާ އިރު ފައިސާ ހޯދަން ކުރި ހަރަދު ހަތަރު މިލިއަން ރުފިޔާ އަށް އަރަ އެވެ.
އެމްޓިސީސީގެ ޖުމްލަ ރައުސުލްމާލާއި ދަރަނި މިހާރު ހުރީ 706 މިލިއަން ރުފިޔާގަ އެވެ.
ވަކިވަކި ދާއިރާގެ ވިޔަފާރިތަކަށް ބަލާ އިރު އާންމު ވިޔަފާރިން ހަތް މިލިއަން ރުފިޔާގެ ފައިދާއެއް ވެފައިވާ އިރު ކޮންސްޓަރަކްޝަން ދާއިރާ އިން 36 ލައްކަ ރުފިޔާގެ ފައިދާއެއް ވެފައިވާ އިރު ދަތުރުފަތުގެ ދާއިރާ އިން ވަނީ 10 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފަ އެވެ. އަދި ރިޕެއާ އަދި މެއިންޓަނަންސް ޚިދުމަތުން ވަނީ ގެއްލުން ވެފަ އެވެ.
އެ ކުންފުންޏަށް މިދިޔަ ތިން މަހު ލިބުނު ފައިދާއާ އެކު ހިއްސާއަކަށް 0.90 ލާރީގެ ފައިދާއެއް ވެފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.