ދިރާގު ދިވެހި ލީގުގައި ރޭ ކުޅުނު މެޗުގެ ފަހު ހާފުގެ ބޮޑު ބައެއްގައި 10 ކުޅުންތެރީންނާ އެކު ކުޅުނު ވިކްޓަރީ ސްޕޯޓްސް ކްލަބުގެ މައްޗަށް 3-1 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން މަހިބަދޫ ސްޕޯޓްސް ކްލަބް ކުރިހޯދައިފި އެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗު 'ކިކް' އޮފް' ކޮށްގެން ކުޑަ އިރުކޮޅެއްގެ ތެރޭގައި މަހިބަދޫ ވަނީ ވިކްޓަރީގެ ގޯލް ހުޅުވާލައިފައެވެ. މެޗު ފަށައިގެން 22 ސިކުންތު ތެރޭގައި ވިކްޓަރީ ގޯލް ތެރެއަށް ބޯޅަ ވައްދާލައިގެން މަހިބަދޫގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ނެކެމޮން ރޮޑްރީގޭ ޓެހީ ތަނަވަސްކޮށްދިން ފުރުސަތަކުން ފޯވާޑު އިސްމާއީލް ނަޒީރު އެވެ.

ފުރަތަމަ ހާފުގައި ދެޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ލިބުނެވެ. އެހެން ނަމަވެސް ހާފު ނިމުމުގެ ކުރިަން 1-0 ގެ ނަތީޖާ ބަދަލުކޮށްލެވޭ ގޮތެއް ނުވި އެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން 10 ވަނަރަކަށް މިނިޓް ކުޅުނު ތަނާ ވިކްޓަރީއަށް އިތުރު މައްސަލަތަކަކާ ކުރިމަތިލާން ޖެހުނީ އެޓީމުގެ އިސްމާއީލް ޝަފީއު (އިއްސޭ)އަށް ރެފްރީ ރެފްރީ މުޙައްމަދު ޖާވިޒް ސީދާ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. އިއްސެއަށް ރަތްކާޑު ދެއްކީ ބޯޅަ ނެތި މަހިބަދޫ ޓީމުގެ ފޯވާޑު ހުސެއިން ނިޔާޒު (ބޮކުރީ) އަށް ފައުލުކުރުމާ ގުޅިގެންނެވެ.

އެއް ކުޅުންތެރިއަކު މަދު ކުޅެމުން ދިޔަ ވިކްޓަރީ ކޮޅަށް މަހިބަދޫ ޖެހި ދެވަނަ ލަނޑު، މެޗުގެ 70 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އެޓީމުގެ ޑިފެންޑަރު މުހައްމަދު ޖުނައިދެވެ. ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރި ޖުނައިދަށް ބޯޅަ ހޯދައދިނީ މިޑްފީލްޑަރު އަބްދުﷲ މިދުހަތު ފަހުމީ އެވެ.

މެޗުގެ 81 ވަނަ މިނިޓްގައި މަހިބަދޫގެ ތިން ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިދުހަތު އެވެ. ވިކްޓަރީ ޕެނަލްޓީ އޭރިޔާގެ ބޭރުން މިދުހަތު ފޮނުވާލި ބާރު ހަމަލާ ވިކްޓަރީގެ ކީޕަށް މަތަކުރެވޭގޮތެ ނުވި އެވެ.

ވިކްޓްރީއަށް މެޗުގައި ސުން ކަނޑުވާލަ ދިނީ 88 ވަނަ މިނިޓްގައި އެޓީމުގެ ވިކްޓާ ބްރަނިމިރޮވް މަޓީވް ތަނަވަސްކޮށްދިން ފުރުސަތަކުން ހާންސްޒްލީ އަވިލޯ އެވެ.

ދިވެހި ލީގުގެ މިރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލު ކުރާނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް އެވެ.