ކެލިފޯނިޔާ (ނޮވެމްބަރ 1) : ޖައްވީ ފަތުރުވެރިކަމަށް ޚާއްސަކޮށްގެން އުފެއްދި ޖައްވީ އުޅަދު ކަމަށްވާ "ސްޕޭސް ޝިޕް" ތަޖްރިބާ ކުރުމުގެ ގޮތުން ކެލިފޯނިޔާގައި ދަތުރު ކުރަމުން ގެންދަނިކޮށް އެއުޅަނދު ގޮވައި އޭގައި ތިބި ދެ ޕައިލެޓުންގެ ތެރެއިން އެކަކު މަރުވެ އަނެއްމީހާ އަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ކެލިފޯނިޔާގެ ފުލުހުން ބުނިގޮތުގައި މަރުވި ޕައިލެތްގެ ހަށިގަނޑުވަނީ މުޅިން އަނދާފަ އެވެ. އަދި ޒަޚަމްވި ޕައިލެޓްވަނީ ކައިރީގައިވާ ހޮސްޕިޓަލަކަށް ގެންދެވިފަ އެވެ. އަލަށް އުފެއްދި ޖައްވީ އުޅަދު "ސްޕޭސް ޝިޕް" އަކީ އެމެރިކާގެ މަޝްހޫރު ކުންފުންޏެއްކަމަށްވާ "ވާޖިން ގެެލަންޓިކް" ކުންފުނިން އުފެއްދި އުޅަނދެކެވެ. "ވާޖިން ގެެލަންޓިކް" ކުންފުންޏަކީ އިނގިރޭސިވިލާތުގެ ބިލިޔަނަރެއް ކަމަށްވާ ރިޗަޑް ބްރޭންސަން ގަނެފައިވާ ކުންފުންޏެކެވެ. މިއީ ޖައްވީ ފަތުރުވެރިކަމަށް ޚާއްސަކޮށްގެން ޖައްވަށް ފަތުރުވެރިން ގެންދިޔުމަށް ޓަކައި އެކުންފުނިން އުފެއްދި ޖައްވީ ފުރަތަމަ އުޅަނދެކެވެ.
ތަޖްރިބާގެ މިދަތުުރު ކޮށްފައި ވަނީ ކެލިފޯނިޔާގެ މޮޖޭވް ސަހަރާ ސަރަހައްދުގެ ޖައްވުގަ އެވެ. ވާޖިން ކުންފުނީގެ ވެރިޔާ ސަރ ރިޗަޑް ބްރޭންސަން ވަނީ މިއީ ޖައްވުގައި މިއުޅަނދު ގޮވުމަކީ ޚިޔާލު ކުރެވިފައިނުވާ ބޮޑު ގެއްލުމެއްް ކަމަށް ސިފަކުރައްވައި މިކަމާ މެދު ކުއްލި ޝޮކެއް ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވެފަ އެވެ. ޖައްވުގައި ގޮވި "ސްޕޭސް ޝިޕް" އަކީ ޖައްވަށް ހަ ފަތުރުވެރިން ފޮނުވޭ ގޮތަށް ފަރުމާ ކޮށްފައިވާ އުޅަނދެކެވެ. މި އުޅަނދު ޖައްވުގައި ގޮވި ސަބަބު ދެނެގަތުމަށް ޓަކައި ވަރަށް ބޮޑު ތަހްގީގެއް ކުރިޔަށް ގެންދާނެ ކަމަށް "ވާޖިން ގެެލަންޓިކް" ކުންފުނިން ބުނެ އެވެ. (ރޮއިޓާސް)