01 Nov 2014, 09:36
ވަގަޑޯގޯ (ނޮވެމްބަރ 1) : ހުޅަނގު އެފްރިކާގެ ގައުމެއް ކަަމަށްވާ ބޯކީނާ ފާސޯގެ ސިފައިންގެ އިސް އޮފްސަރެއް ކަމަށްވާ ލެފްޓިނެންޓް ޖެނެރަލް އިސްޙާގް ޒައިދާ އަސްކަރީ އިންގިލާބެއްގައި އެގައުމުގެ ވެރިކަން އަތުލައިގެންފި އެވެ.
ބޯކީނާ ފާސޯގެ ރޭޑިޔޯ މެދުވެރިކޮށް ރައްޔިތުންނަށް ދެއްވި ޚިތާބެއްގައި ލެފްޓިނެންޓް ޖެނެރަލް އިސްޙާގް ޒައިދާ މީގެ ދެތިން ގަޑިއިރު ކުރިން ވިދާޅުވެފައި ވަނީ އޭނާ ގައުމުގެ ވެރިކަމާ ހަވާލުވެ ވަޑައިގެންފި ކަމަށާއި ވެރިކަމުގެ ހުރިހާ ބާރުތަކެއް ވަނީ އޭނާގެ ކޮންޓްރޯލްގެ ދަށުގައި ކަމުގަ އެވެ. ވެރިރަށް ވަގަޑޯގޯ އިން ލިބޭ ރިޕޯޓްތައް ބުނާ ގޮތުން ރޭގެ ވަގުތެއްގައި ވެސް ރިޔާސީ ގަނޑުވަރުގެ ކައިރިން ވަނީ ބަޑީގެ ހަމަލާތައް ބަދަލުކުރަމުން ގެންދާ އަޑުތައް އިވިފަ އެވެ. ނަމަވެސް ޙަމަލާތައް ބަދަލުކުރީ ކޮންފަރާތްތަކަކުން ކަމެއް ސާފުވެފައެއް ނުވެ އެވެ.
ބޯކީނާ ފާސޯގެ ރައީސް ބެލޭޒް ކަންބައުރީ ވަނީ ރައްޔިތުންގެ އުތުރި އެރުމަކާ ގުޅިގެން ވަރަށް ކުއްލި ގޮތަކަށް އިއްޔެ އިސްތިއުފާ ދެއްވާފަ އެވެ. ބެލޭޒް އިސްތިއުފާ ދެއްވުމާ އެކު އެގަައުމުގެ ސިފައިންގެ ވެރިޔާ އަދި ޗީފް އޮފް ސްޓާފް ޖެނެރަލް އުނޫރިޔާ ތްރާވްރީ ވަނީ ގައުމުގެ ވެރިކަމާ ވަގުތީ ގޮތުން އޭނާ ހަވާލުވެވަޑައިގެންފިކަން އިއްލާން ކުރައްވާފަ އެވެ. އަދި އިންތިޚާބީ އުސޫލުން ރައްޔިތުންގެ ވެރިކަމެއް ގާއިމް ކުރެވެންދެން އޭނާގެ ޒަޢާމަތުގައި އިންތިގާލީ ވެރިކަމެއް ގައުމުގައި ކުރިޔަށް ގެންދަވާނެ ކަމަށް ވެސް ތްރާވްރީ ވިދާޅުވެފައިވެ އެވެ.
ބޯކީނާ ފާސޯގެ ސިފައިންގެ އިސް އޮފްސަރެއް ކަމަށްވާ ލެފްޓިނެންޓް ޖެނެރަލް އިސްޙާގް ޒައިދާ އަސްކަރީ އިންގިލާބެއްގައި ވެރިކަން އަތުލެއްވީ ސިފައިންގެ ވެރިޔާ ޖެނެރަލް އުނޫރިޔާ ތްރާވްރީގެ އަތުންނެވެ. ތްރާވްރީ މިހާރުވަނީ ހައްޔަރުކޮށްފައި ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. ތްރާވްރީ އަށް ވީގޮތެއް ޒައިދާ ހާމަކުރައްވާފައެއް ނުވެ އެވެ. ނަމަވެސް އިސްތިއުފާ ދެއްވި ރައީސް ބެލޭޒް ކަންބައުރީ އާއި އޭނާގެ އާއިލާގެ އިތުރުން އޭނާގެ އަރިސް ފަރާތްތައް ވަނީ އިންގިލާބީ ވެރިކަމުގެ ހިިމާޔަތުގައި ރައްކާތެރި ތަނެއްގައި ކަަމަށް އަސްކަރީ އިންގިލާބު ގެންނެވި ޒައިދާ ވިދާޅުވެފައިވެ އެވެ.
ހަތާވީސް އަހަރުވަންދެން ބޯކީނާ ފާސޯގައި ވެރިކަން ކުރެއްވި ރައީސް ބެލޭޒް ކަންބައުރީ ގެ ވެރިކަމާ ދެކޮޅަށް މިދިޔަ ހަފްތާގައި އެގައުުމުގެ ރައްޔިތުން ތެދުވީ އޭނާގެ މުޅި އުމުރުގައި ވެރިކަމުގައި ދެމިހުންނެވޭ ގޮތަށް އެގައުމުގެ ގާނޫނު އަސާސީ އަށް ބަދަލު ގެނައުމަށް ޕާލަމެންޓުން މަސައްކަތް ފެށުމުންނެވެ. މިއުތުރި އެރުމުގައި ރައްޔިތުންގެ ތެރެއިން ބަޔަކުވަނީ ޕާލަމެންޓް އިމާރާތުގައި ހުޅުޖަހައި އެތަނަށް ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ.
މިހަމަނުޖެހުންތަކާ އެކު ރައީސް ބެލޭޒް ކަންބައުރީ ގައުމުގައި ކުއްލި ޙާލަތު އިޢްލާންކޮށް ރައްޔިތުން ކޮންޓްރޯލް ކުރައްވަން މަސައްކަތް ކުރެއްވި ނަމަވެސް އެންމެފަހުން އިއްޔެ އޭނާ ވަނީ އިސްތިއުފާ ދެއްވާފަ އެވެ. ހުޅަނގު އެފްރިކާގެ ގައުމެއް ކަަމަށްވާ ބޯކީނާ ފާސޯ އަކީ 13 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ވަރަށް ފަގީރު ގައުމެކެވެ. (ރޮއިޓާސް)