އިމިގްރޭޝަނުން ކުރިއަށްގެންދާ 500 މިލިއަން ރުފިޔާގެ ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތް ހުއްޓުވުމަށްޓަކައި ކޯޓަށް ދާން ޖެހިއްޖެ ހާލަތެއްގައި، އެ މައްސަލަ ކޯޓަށް ވެސް ހުށަހަޅުއްވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީ ވިދާޅުވެއްޖެ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ލުތުފީ ރޭ ވިދާޅުވީ، އޭސީސީގެ އެންގުމާ ޚިލާފަށް އިމިގްރޭޝަނުން ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްގެންދާ މައްސަލައާ ގުޅޭ ގޮތުން ވަކި ގޮތެއް ނިންމަވާނީ ކޮމިޝަނުގެ މެމްބަރުންގެ މެދުގައި މަޝްވަރާކުރުމަށް ފަހު ކަމަށެވެ.

"އިމިގްރޭޝަންގެ ނިއުސް ކޮންފަރެންސްގައި އެ ވިދާޅުވި ވާހަކަތަކަށް ދެން އަޅުގަނޑުމެން އަމަލުކުރާނެ ގޮތެއް އަޅުގަނޑުމެންގެ މެމްބަރުން ނިންމާނެ. ކޯޓަށް ގެންގޮސްގެން އެގްރިމެންޓް ބާތިލުކުރަން ޖެހުނަސް، އަޅުގަނޑުމެން އެކަން ކުރާނަން،" ލުތުފީ ވިދާޅުވި އެވެ.

ލުތުފީ އިތުރަށް ވިދާޅުވީ، "މިއީ އަދިކިރިޔާ ފެށުން" ކަމަށާއި މެލޭޝިޔާގެ ނެކްސްޒިބްއާ އެ ޕްރޮޖެކްޓް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބެލެވޭ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

"ދެން އަޅުގަނޑުމެން ބޭނުމެއް ނޫން މި މައްސަލައިގައި އިތުރަށް މީޑިއާގައި ވާހަކަ ދައްކާކަށް. އެއީ އަޅުގަނޑުމެންގެ ތަހުގީގަށް ހުރަސް އެޅިދާނެ ކިތަންމެ ވާހަކައެއް ދެއްކިދާނެ،"

ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އިލްޔާސް ހުސެއިން އިބްރާހިމް އިއްޔެ ވިދާޅުވީ، ބޯޑާ ސިސްޓަމް ޕްރޮޖެކްޓުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް އޭސީސީން ހޯމަ ދުވަހު ނެރެނު ބަޔާނުގައި ބުނި ނަމަވެސް، އެއީ ކޮންކަންތައްތަކެއް ބުނެފައި ނެތް ކަމަށެވެ.

ނަމަވެސް ލުތުފީ ވިދާޅުވީ، މައްސަލަ ބެލުމަށް ފަހު އިމިގްރޭޝަނަށް ފޮނުވި ސިޓީގެ އިތުރުން އެކޮމިޝަނުން ނެރުނު ބަޔާނުގައި ވެސް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އިމިގްރޭޝަނުން ކޮށްފައިވާ ކަންތައްތަކަކީ ކޮބައިކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ.

މީގެ އިތުރުން، އޭސީސީގެ ނިންމުމަށް ބޯލަނބަން ނުޖެހޭނެ ކަމަށް ބުނެ އިމިގްރޭޝަނާއި ރައީސް އޮފީހުން ދައްކާ ވާހަކަތަކަކީ، ޤާނޫނު އަސާސީ އާއި ޤާނޫނުތަކުގެ ބާރުކަނޑުވާލުމަށް ދައްކާ ވާހަކަތަކެއް ކަމަށް ވެސް ލުތުފީ ސިފަކުރެއްވި އެވެ.

"އެހެން ނުންތޯ އޭތި ސިފަކުރެވޭނީ. ދިވެހި ރައްޔިތަކު ވާހަކަ ދައްކައިގެން ނުވާނެ ސީދާ ޤާނޫނުތަކުގެ ބާރު ކަނޑުވާލަން. އަޚްލާގީ ގޮތުން ވަރަށް ދަށްފެންވަރުގެ ވާހަކައެއް އެ ދެއްކީ،" ލުތުފީ ވިދާޅުވި އެވެ.
އޭސީސީން ސޮއިނުކުރުމަށް އަންގާފައިވަނިކޮށް ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރުމުގެ ޕްރޮޖެކްޓުގައި އިމިގްރޭޝަނުން މެލޭޝިޔާގެ ނެކްސްބިޒްއާ އެކު ސޮއިކޮށްފައި ވަނީ އޮކްޓޯބަރު 17، 2010 ގަ އެވެ.

ނަމަވެސް، އޭސީސީން ބުނެފައި ވަނީ، އެ ޕްރޮޖެކްޓް ކުރިއަށްގެންދިއުމުގެ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ. އަދި އެ މަސައްކަތް އިތުރަށް ކުރިއަށް ނުގެންގޮސް، ކެބިނެޓުން ނުވަތަ ނޭޝަނަލް ޕްލޭނިން ކައުންސިލުން ފާސްކުރާ ގޮތަކަށް އެ ޕްރޮޖެކްޓް އަލުން ބިޑަށް ލައިގެން މަސައްކަތް ފެށުމަށް އޭސީސީން ވަނީ އިމިގްރޭޝަނަށް އަންގައިފަ އެވެ.

ރައީސް އޮފީހުން އެ މައްސަލައިގައި ބުނަނީ، އެ ޕްރޮޖެކްޓުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ރައީސް ދެކެވަޑައިނުގަންނަވާ ކަމަށާއި އެ މަސައްކަތް ހުއްޓާ ނުލައި އިމިގްރޭޝަނުން ކުރިއަށްގެންދާނެ ކަމަށެވެ.