ޖަމްއިއްޔަތުލް ސަލަފުން "ދަކޯލް" ގެ ނަމުގައި ކޮންމެ އަހަރަކު ކުރިއަށްގެންދާ ޕްރޮގްރާމްގެ ތެރެއިން މިއަހަރު ކުރިއަށްދާ ޕްރޮގްރާމްގައި ހަޔާތުގެ ބޭނުމުގެ މައްޗަށް އިނގިރޭސިވިލާތުގެ ދީނީ އިލްމުވެރިއެއް ކަމުގައިވާ ޢަބުދުއްރަޙީމް ގްރީން ޚާއްސަ ދަރުހެއް ދެއްވައިފި އެވެ.

ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި އެ ދަރުސް އަޑުއެހުމަށްޓަކައި ގިނަ އަދަދެއްގެ މީހުން ގޮސްފައިވެއެވެ. ކީރިތި ރަސޫލާގެ ހަޔާތްޕުޅުންނާއި ކީރިތި ޤުރުއާނުން މިސާލު ނަންގަވައިގެން ޢަބުދުއްރަޙީމް ގްރީން ވަނީ ދިވެހީންނަށް ދީނީ މައުލޫމާތު ދެއްވާފައެވެ.

"ދަކޯލް" ޕްރޮގްރާމްގެ ދަށުން މިރޭ ކާނިވާ ސަރަހައްދުގައި ޢަބުދުއްރަޙީމް ގްރީންގެ ޚާއްސަ ދަރުހެއް ދީފައިވާއިރު، އެ ޕްރޮގްރާމްގައި މިއަހަރު ބައިވެރިވެފައިވާ ކެނެޑާގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލު ފިލިޕްސް ވެސް ވަނީ މިރޭ އައްޑޫ ސިޓީގެ ޝަރަފުއްދީން ސްކޫލުގައި ދަރުހެއް ދެއްވާފަ އެވެ. އަދި މާދަމާ ހެނދުނު ޝަރަފުއްދީން ސްކޫލުގެ ޓީޗަރުންނަށާއި އިދާރީ މުވައްޒަފުންނަށް ދީނީ ނަސޭހަތް ދިނުމުގެ ޚާއްސަ ސެޝަނެއް ޑރ. ބިލާލް ނަންގަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ޖަމްއިއްޔަތުލް ސަލަފުން ބުންޏެވެ.

ކާނިވާ ސަރަހައްދުގައި މިރޭ ޖަމިއްޔަތުއް ސަލަފުން ބޭއްވި ދަރުސް އަޑުއަަން ދިޔަ މީހުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

ޖަމިއްޔަތުއް ސަލަފްގެ އޮޕަރޭޝަން މެނޭޖަރު އަލީ ރަމީޒް 'ސަން' އަށް މިރޭ ވިދާޅުވީ، 'ދަކޯލް' ޕްރޮގްރާމުގެ ދަށުން މާދަމާ ފުވައްމުލަކުގެ ހާޒިފް އަހުމަދު ސްކޫލުގައި ޢަބުދުއްރަޙީމް ގްރީންގެ ދަރުހަކާއި ވިލިމާލޭ ބޯޅަ ދަނޑުގައި ޑރ. ބިލާލް ފިލިޕްސްގެ ދަރުހެއް އޮންނާނެ ކަމަށެވެ.

ނޮވެމްބަރުމަހުގެ ދެވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ 'ދަކޯލް' ޕްރޮގްރާމްގެ މިއަހަރުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ 'ސަން' އޮންލައިނެވެ.