މާލެއަށް ވާރޭވެހި ހިނގާބިނގާވެ އުޅެންދަތިވާ ވަރަށް ފެންބޮޑު ވަނީ މާލޭ ސިޓީ ކައުންސިލުން މާލޭގެ މަގުތައް ރަނގަޅަށް ބަލަހައްޓަމުންނުދާތީ ކަމަށް ވިދާޅުވެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަށް، މާލޭ ސިޓީ ކައުންސިލުން ރައްދު ދީފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭ ސިޓީގެ މޭޔަރު މުހައްމަދު ޝިހާބު ވިދާޅުވީ، މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް އެ ކައުންސިލުގެ ފުދުންތެރިކަން ހުރި މިންވަރުން މަސައްކަތްކުރަމުންދާ ކަމަށެވެ. ނަމަވެސް އެކަމަށް އެކިގޮތްގޮތުން ދަތިތަކާ ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަންނަ އަހަރުގެ ބަޖެޓަށް ތައްޔާރުވި އިރު، މާލޭގައި ފެންބޮޑުވުމުގެ މައްސަލަ ދިމާވާތީ ކައުންސިލުގެ ބަޖެޓުގައި ޖަހާފަ އޮންނާނެ މާލޭ މަގުތައް ރީ ޑިސައިންކޮށް ރަނގަޅު ފެންވަރަކަށް ހެދުމުގެ ކޮންސަލްޓެންސީއަށް ފަސް މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް. އެހެން ނަމަވެސް އެ ފައިސާވެސް ކައުންސިލުގެ ބަޖެޓުން ކަނޑުއްވާލައްވާފައި ކޮންމެވެސް އެހެން މިނިސްޓްރީއެއްގެ ބަޖެޓުގައި ވަނީ ހިމަނުއްވާފައި ކަމަށް ވިދާޅުވީ،" މޭޔަރު ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު އިއްޔެ ވިދާޅުވީ، މާލެއަށް ވާރޭވެހި ހިނގާބިނގާވެ އުޅެންދަތިވާ ވަރަށް ފެންބޮޑު ވަނީ މާލޭ ސިޓީ ކައުންސިލުން މާލޭގެ މަގުތަކުގެ ކާނުތައް ސާފުނުކޮށް އެތަންތަން ރަނގަޅަށް ބަލަހައްޓަމުން ނުދާތީ ކަމަށެވެ. އަދި ވިދާޅުވީ ކާނުތަކަށްވާ ގޮތަށް ގަސް އިންދާފައި ހުރުމުން ކާނުތައް ބެދޭ ކަމަށާއި ކާނުތަކުގައި ގަސް އިންދުމުގެކުރިން މިނިސްޓްރީގެ ހުއްދަ ހޯދުމަށް ސިޓީ ކައުންސިލަށް އަންގާފައިވާނެ ކަމަށެވެ.

ކާނުތައް ސާފުނުކުރާ ކަމަށް ބުނާ މައްސަލައަށް އިޝާރާތްކުރައްވައި މޭޔަރު ވިދާޅުވީ، ކާނުތައް ސާފުކުރި ނަމަވެސް މާލެ ހިއްކިއިރު، މާލޭގެ ހުޅަނގު ފަރާތަށް ތިރިކޮށް އޮތުމުން އެ ސަރަހައްދުތަކުގައި ފެންބޮޑުވާނެ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ، ފެންބޮޑުވުމުގެ މައްސަލަ ދިމާވަނީ ގަސްތަކުގެ ސަބަބުން ނޫން ކަމަށާއި ހައުސިން މިނިސްޓަރު ދައްކަވާ ވާހަކަތައް ދެކޮޅު ނުޖެހޭ ކަމަށެވެ.

"ކާނުގެ ވަކި ހިސާބެއްގަ ގަސް އިންދިފަ އެބަހުރި. ގަސް އިންދިފަ އެހެރީ މަޖީދީމަގާއި ޗާންދަނީ މަގުގަ ރުއްގަސްތައް. އަދި މަގުތަކުގައި އެންމެ ބޮޑަށް ފެންބޮޑުވެގެންދިޔަ އިރުވެސް މަޖީދީ މަގާއި ޗާންދަނީ މަގުގައި ފެންބޮޑުވެފަ އެއްނެތް. ހައުސިން މިނިސްޓަރު ދައްކަވާ ވާހަކަފުޅުގައި ދެކޮޅެއް ނުޖެހޭ،" ޑެޕިއުޓީ މޭޔަރު ވިދާޅުވި އެވެ.