ޝަހީބު މީޑިއާ ކޮންސަލްޓެންސީ ގުރޫޕާއި އެމްއެންބީސީން އިންތިޒާމުކޮށްގެން ބާއްވަން ހަމަޖެއްސި، ލޯކަލް ކައުންސިލް އިންތިހާބުގެ ކެންޑިޑޭޓުންގެ، ބަހުސް އެންމެ ފަހު ވަގުތު އެމްޑީޕީން ބޮޔެކޮޓް ކުރުމުން އެ ބަހުސް ކެންސަލްކޮށްފި އެވެ.

އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނު މެނޭޖަރު ޑރ. އަހުމަދު ޝަހީދު އިއްޔެ ވިދާޅުވީ އެމްއެންބީސީ ވަން އިން ކުރިއަށް ގެންދިއުމަށް ކަނޑައެޅި، ކެންޑިޑޭޓުންގެ ބަހުސްގައި ބައިވެރި ނުވުމަށް އެމްޑިޕީން ނިންމީ އެ ބަހުސަކީ އެންމެ އިންސާފުވެރިކޮށް ހިންގިދާނެ ބަހުސެއް ކަމަށް އެ ޕާޓީ އަށް ނުފެންނާތީ ކަމަށެވެ. އަދި އޭނާ ވަނީ އެބަހުސަކީ ވަކި ބަޔަކަށް ސިޔާސީ މަންފާތަކެއް ހޯދައިދިނުމަށް ބާއްވަން އުޅުނު ބަހުސެއް ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. ނަމަވެސް އެއީ ކޮން ޕާޓީއެއް ކަމެއް ޝަހީދު ވިދާޅެއް ނުވި އެވެ.

"އަޅުގަނޑުމެންނަށް ފަހުން ފެނިގެން ދިޔައީ އެ ބަހުސަކީ އިންސާފުވެރި ބަހުސަކަށް ވެގެން ނުދާނެކަން. ވަކި ޕާޓީއެއް ރުއްސުމަށްޓަކައި ބަހުސް ބާއްވާ ލޮކޭޝަން ބަދަލުކުރަން ނިންމުމުން އެ ބަހުސާ މެދު އަޅުގަނޑުމެންގެ އިތުބާރު ގެއްލުނީ... ބަހުސް ކުރުމަކީ މުހިންމު ކަމެއްކަމުގައި ދެކެން. އެކަމަކު ވަކި ބަޔަކަށް ސިޔާސީ މަންފާއެއް ވާގޮތަށް އެކަން ކުރުމަކަށް އަޅުގަނޑުމެން ތާއީދެއް ނުކުރަން. އެމްއެންބީސީގެ ސުޓޫޑިއޯ އަށް ވަޑައިގަތުމަށް އަޅުގަނޑުމެންނާ ވާދަވެރި ޕާޓީ އަކުން އިންކާރު ކުރެއްވި ކަމުގެ މައުލޫމާތު އަޅުގަނޑުމެންނަށް އެނގުނު ހިސާބުން އެ ބަހުސްގެ ބޭނުން ވެސް ބަދަލުކުރެއްވި ކަން އިނގުނު،" ޑރ. ޝަހީދު ވިދާޅުވި އެވެ.

އެމްޑީޕީން ތުހުމަތު ކުރާ ޕާޓީއަކީ ޑީއާރުޕީތޯ، ޑީއާރުޕީގެ ސެކްރެޓަރީ ޖެނެރަލް އަބްދުއްރަސީދު ނާފިޒަށް ދެންނެވުމުން އޭނާ އިއްޔެ ވިދާޅުވީ ޑީއާރުޕީން އެފަދަ ބަހުސެއްގައި ބައިވެރިވިކަން އެނގިވަޑައިގެންފައި ނުވާ ކަމަށާއި އަދި އެ ޕާޓީގެ ކައުންސިލުން މީގެ ކުރިން ވަނީ އެމްއެންބީސީ އަށް އިންޓަވިއުދިނުމާއި ލައިވްތަކުގައި ބައިވެރި ނުވާ ގޮތަށް ނިންމާފައި ކަމަށެވެ.

"އަޅުގަނޑުމެން ކައުންސިލްގެ އެ ނިންމުމަށް އިހުތިރާމް ކުރާނަން،" ނާފިޒް ވިދާޅުވި އެވެ.

ޝަހީބު މީޑިއާ ކޮންސަލްޓެންސީގެ ސީއީއޯ މުހަންމަދު ޝަހީބު މިއަދު ވިދާޅުވީ އެ ބަހުސް ކެންސަލްކުރަން ނިންމީ އެ ބަހުސު ބާއްވަން ހަމަޖެއްސި ގޮތަށް ހުރިހާ ސިޔާސީ ޕާޓީތަކެއްގެ މެދުގައި ވާދަވެރިކަމާ އެކު ބަހުސު ކުރިއަށް ގެންދެވިދާނެ ކަމަށް ނުފެންނާތީ ކަމަށެވެ. އެހެންނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލު ދެއްވުމަށް އޭނާ އިންކާރު ކުރެއްވި އެވެ.

އެމްއެންބީސީ ވަންގެ ބަހުސު ކެންސަލް ކުރީ އެ ބަހުސު ބާއްވާނެ ކަމަށް އިޝްތިހާރު ވެސް ކުރުމަށް ފަހުގަ އެވެ.
މިހާރު ވީޓީވީން ކުރިއަށް ގެންދާ ބަހުސުގައި ވެސް އެމްޑީޕީން ބައިވެރިއެއް ނުވެ އެވެ. ޑރ، ޝަހީދު އިއްޔެ ވިދާޅުވީ ވީޓީވީގެ ބަހުސްގައި ބައިވެރިނުވަނީ ވީޓީވީން އެކަން "އަން ޕުރޮފެޝަނަލް" ގޮތަކަށް ގެންދާތީ ކަމަށާއި އަދި ވީޓީވީގައި އެ ޕާޓީން ގަބޫލުނުކުރާ ފަލްސަފާތަކެއް ވެސް ހުރުމުން ކަމަށެވެ.