ޓެލްއަވީވް (އޮކްޓޯބަރ 31) : ޔޫރަޕްގެ އިއްތިޙާދުގެ ގައުމެއް ކަމަށްވާ ސްވިޑްންއިން ފަލަސްތީނުގެ މިނިވަން ދައުލަތަށް ރަސްމީ ސިފައެއްގައި އިޢްތިރާފް ވުމުން އިސްރާއީލުން ރުޅިވެރިކަމާއެކު އެކަމަށް ރައްދުދީފި އެވެ.

އިސްރާއީލުގެ ޚާރިޖީ ވުޒާރާ އިން ބުނީ ސްވިޑްންގެ މިނިންމުމަކީ ކަންބޮޑުވާ ނިންމުމެއް ކަމަށާއި މިކަމާ އިޙްތިޖާޖް ކުރުމުގެ ގޮތުން ސްވިޑްންގެ ވެރިރަށް ސްޓޮކްހޮމްގައި ހުންނަވާ އިސްރާއީލުގެ ސަފީރު ވަގުތީ ގޮތުން އަނބުރައި ގައުމަށް ގެނައުމަށް ހަމަޖެހިފައިވާ ކަމުގަ އެވެ. ސްވިޑްންއަކީ ޔޫރަޕްގެ އިއްތިޙާދުގެ މެންބަރެއްގެ ގޮތުގައި އޮވެގެން ފަލަސްތީނުގެ ދައުލަތަށް ރަސްމީ ސިފައެއްގައި އިޢްތިރާފްވި ފުރަތަމަ ގައުމެެވެ. ޔޫރަޕްގެެ އިއްތިޙާދުގައި ހިމެނޭ ފަލަސްތީނުގެ ދައުލަތް ގަބޫލުކުރާ އަނެއް ތިންގައުމަކީ ހަންގެރީ، ޕޮލެންޑް، އަދި ސޮލޮވޭކިޔާ އެވެ. މިތިން ގައިމުން ފަލަސްތީނުގެ ދައުލަތަށް އިއްތިރާފް ވެފައި ވަނީ އެގައުމުތައްޔޫރަޕްގެ އިއްތިޙާދުގައި ބައިވެރިވުމުގެ ކުރިންނެވެ.

އިސްރާއީލުގެ އަޅުވެތިކަމާއި އިސްތިޢްމާރުގެ ދަށުގައިވާ ފަލަސްތީނުގެ ދައުލަތަށް އިޢްތިރާފްވިކަން އިޢްލާންކުރެއްވުމަށް ފަހު ސްވިޑްންގެ ޚާރިޖީ ވަޒީރާ މާގޮޓް ވެލްސްޓްރޮމް ވިދާޅުވީ މިއީ އިސްރާއީލެކޭ އެއްގޮތަށް ފަލަސްތީނުގެ ހައްގުތަކަށް ވެސް ހަމަހަމަ ގޮތެއްގައި ސްވިޑްން އިން އިޢްތިރާފް ވުންކަމުގަ އެވެ. އަދި މިކަމުގެ ސަބަބުން ފަލަސްތީނުގެ ހިފާފައިވާ ބިންތަކާއި ނިގުޅައިގަނެފައިވާ ހައްގުތައް އަނބުރައި ފަލަސްތީނަށް ހޯދައިދިނުމަށް ސްވިޑްންއިން ވާކާލާތު ކުރާނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މީގެފަހުން ސްވިޑްން އިން ފަލަސްތީނާމެދު މުޢާމަލާތް ކުރާނީ އިސްރާއީލު ފަދައިން މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ކަމަށާއި ބައިނަލްއަގްވާމީ ފެންވަރުގައި ވެސް ފަލަސްތީނަށް މިނިވަން ދައުލަތެއްގެ ހައިސިއްޔަތު ހޯދައިދިނުމަށް ސްވިޑްން އިން މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ސްވިޑްންގެ ޚާރިޖީ ވަޒީރާ ވިދާޅުވި އެވެ.
ސްވިޑްންގެ މިނިންމުމަށް އިސްރާއީލުގެ ޚާރިޖީ ވަޒީރު އިވިގިޑޯރ ލިބަރމެން ވަނީ ރުޅިވެރިކަމާ އެކު ރައްދު ދެއްވާފަ އެެވެ. ފަލަސްތީނުގެ ބިމުން ފަލަސްތީނުގެ ރައްޔިތުން ބޭރުކުރުމަށް ގޮވާލާ ޔަހޫދީ ޒަޔަނިސްޓް ހަރުކަށި ފިކުރުގެ ބޭފުޅެއް ކަމަށްވާ ލިބަރމެން ވިދާޅުވީ ސްވިޑްންގެ މިނިންމުމުގެ ސަބަބުން އިސްރާއީލާއި ފަލަސްތީނުގެ ސުލްޙައަށް ހުރަސްތަކެއް އެޅޭނެކަމުގަ އެވެ. އަދި މިކަމަށް އިޙްތިޖާޖް ކުރުމުގެ ގޮތުން ސްޓޮކްހޮމްގައި ހުންނަވާ އިސްރާއީލުގެ ސަފީރު ވަކި މުއްދަތެއް ނެތްގޮތަށް އެނބުރި އިސްރާއީލަށް އައުމަށް އެންގިފައިވާ ކަމަށް ވެސް ލިބަރމެން ވިދާޅުވި އެވެ.

ފަލަސްތީނުން ވަނީ ސްވިޑްންގެ މިނިންމުމަށް މަރްޙަބާ ކިޔާފަ އެވެ. ފަލަސްތީނުގެ ޚާރިޖީ ވަޒީރު ރިޔާޒް އަލްމާލިކީ ވިދާޅުވީ ސްވިޑްންގެ ސަރުކާރުން ފަލަސްތީނުގެ ދައުލަތަށް އިއްތިރާފް ވެފައިވަނީ އިސްރާއީލުގެ ފިއްތުންތަކާ ދެކޮޅަށްކަމަށާ ސްވިޑްންގެ މިނިންމުމަކީ ހިކްމަތްތެރި ތެދުވެރި އަދި ހިއްވަރުގަދަ ނިންމުމެއް ކަމުގަ އެވެ. އަދި މިނިވަންކަމަށްޓަކައި ފަލަސްތީނުގެ ރައްޔިތުން ކުރަމުންގެންދާ ޖިހާދަށް ސްވިޑްންގެ މިނިންމުމުގެ ސަބަބުން އިތުރު ބާރަކާއި ހިއްވަރެއް ލިބިގެންދާނެ ކަމަށާއި ޔޫރަޕްގެ އެހެން ގައުމުތަކުން ވެސް ކައިރި މުސްތަގްބަލެއްގައި މިފަދަ ނިންމުންތައް ނިންމައި ފަލަސްތީނުގެ މިނިވަން ދައުލަތަށް އިޢްތރާފް ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ފަލަސްތީނުގެ ޚާރިޖީ ވަޒީރު ވިދާޅުވި އެވެ. އިސްރާއީލު ފަލަސްތީނުގެ ބިމުގައި ގާނޫނާ ޚިލާފަށް އުފެއްދުމަށް އެންމެ ބޮޑަށް މަސައްކަތްކުރި އެއްގައުމު ކަމަށްވާ އިނގިރޭސިވިލާތުގެ ޕާލަމެންޓުން ވެސް މިމަހުގެ ކުރީކޮޅު ވަނީ ފަލަސްތީނުގެ ދައުލަތަށް އިޢްތިރާފް ވުމަށް އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮންގެ ސަރުކާރަށް ގޮވާލާ ގަރާރެއް ފާސްކޮށްފަ އެވެ.

އިނގިރޭސިވިލާތުގެ ޕާލަމެންޓުގެ ތަނަވަސް އަޣްލބިއްޔަތަކުން ފާސްކުރި މިގަރާރާ އެއްގޮތަށް ކެމެރޮންގެ ސަރުކާރުން ފަލަސްތީނުގެ ދައުލަތަށް އިޢްތިރާފް ނުވި ނަމަވެސް އިނގިރޭސިވިލާތުގެ ވެރިކަން އިދިކޮޅު ލޭބަރ ޕާޓީ އަށް ލިބިއްޖެ ނަމަ ސްވިޑްން އެކޭ އެއްގޮތަށް އިނގިރޭސިވިލާތުން ވެސް ފަލަސްތީނުގެ ދައުލަތަށް އިޢްތިރާފް ވާނެކަމަށް ވަނީ ބެލެވިފަ އެވެ. ސްވިޑްންއިން ފަލަސްތީނުގެ ދައުލަތަށް އިޢްތިރާފް ވުމަކީ ވިލާތުގެ އިއްތިޙާދުގެ ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމުގެ ފެށުންކަމަށާއި މިއީ ޒަމާނުއްސުރެ ވިލާތުގެ ގައުމުތަކުގައި އޮތް އިސްރާއީލަށް ތާއީދުކުރާ ޔަހޫދީ ޒަޔަނިސްޓް ޖަމާއަތްތަކުގެ ބާރާއި ނުފޫޒު ކުޑަވަމުންދާ ކަމުގެ ހެއްކެތްކަމަށް ވަނީ ބެލެވިފަ އެވެ. (އަލްޖަޒީރާ)