31 Oct 2014, 12:20
ޗައިނާގެ އޮޕޯ ކުންފުނިން 4.85 މިލިމީޓަރުގެ އާރު ފައިވް ސްމާޓްފޯނު ނެރެ ދުނިޔޭގެ އެންމެ ތުނި ފޯނުގެ ރެކޯޑު އާ ކޮށްފި އެވެ.
ދުނިޔޭގެ އެންމެ ތުނި ފޯނަކަށް އޮޕޯ އާރު5 ވުމުގެ ކުރިން އެންމެ ތުނި ފޯނެއްގެ ގޮތުގައި ބެލެވިފައި ވަނީ 5.1 މިލިމީޓަރުގެ ޖިއޮނީ އީލައިފް އެސް 5.1 އެވެ.
ފޯނު ތުނި ކަމުގައިވިޔަސް އާރު5 ފޯނަކީ ފުލް އެޗްޑީ 1080ޕީ ގެ އެމޮލެޑް ސްކްރީނެއް ހަރުކޮށްފައިވާ ފޯނެކެވެ.
އޮކްޓަ ކޯ، ސްނެޕްޑްރެގަން 615 ޕްރޮސެސާއެއް ހިމަނާފައިވާ މި ފޯނުގައި ރެމްގެ ސައިޒަކީ 2ޖީބީ އެވެ. ބަރުދަނުގައި 155 ގްރާމު ހުންނަ މި ފޯނުގައި އިންނަނީ 2،000 މިލިއެމްޕައާގެ ބެޓްރީ އެކެވެ.

އޮޕޯ އާރު5ގެ ބޯ މިނުގައި ހުންނަނީ އެންމެ 4.85 މިލިމީޓަރު -- ފޮޓޯ އެންގެޖެޓް
ރެޕިޑް ޗާޖު ކުރެވޭ މި ފޯނުގައި މައިކްރޯ އެސްޑީ ކާޑު ލުމަށްފަހު ސްޓޯރޭޖް ބޮޑެއް ނުކުރެވޭނެއެވެ. ފޯނުގައި 3.5 މިލި މީޓަރު ހެޑްފޯނު ޖެހުމަށް އެއްވެސް ޕޯޓެއް ނުހުރެއެވެ. މި ފޯނުގައި ހެޑޮފޯން ބޭނުން ކުރަން ޖެހޭނީ ބްލޫޓޫތުގެ އެހީގައެވެ. އެކަމަށް ބޭނުންވާ ޔޫ އެސްބީ އެޑެޕްޓަރު ފޯނު ގަންނަ އިރު ލިބޭނެ ކަމަށް ކުންފުނިން ވަނީ ބުނެފައެވެ.
އޮޕޯ އާރު5 އަންނަ ޑިސެމްބަރު މަހު އާންމުކޮށް ބާޒާރަށް ނެރޭއިރު އޭގެ ފޯނެއް ގަންނަން ލިބޭނީ 499 ޑޮލަރަށެވެ. އާރު ފައިވް އަކީ ހައި-މިޑް ރޭންޖް ފޯނެކެވެ.