މާލޭ ރީ ޑިވެލޮޕްމަންޓް ޕްލޭނެއްގެ އެކުލަވާލުމުގެ މަސައްކަތާއި މާލޭ މަގުތައް އަލުން ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހައުންސިން މިނިސްޓްރީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ، މާލޭ ރީ ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ވަޒީރުންގެ މަޖިލީހުން ނިންމައިގެން ކަމަށެވެ. އަދި އެ މަސައްކަތް ވަރަށް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް އެނާ ވިދާޅުވި އެވެ.

"ސިންގަޕޫރުގެ ކޮންސަލްޓަންޓެއްގެ އެހީގައި ސަރުކާރުން ހަރަދުކޮށްގެން މާލޭ ރީ ޑިވެލޮޕްމަންޓް ޕްލޭންގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް އެބަދޭ. އެ މަސައްކަތުގެ ފުރަތަމަ ޑްރާފްޓް ނިމި، އެ ޑްރާފް އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުންދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މާލޭ ފެންބޮޑުވާ މައްސަލައަށް އިޝާރާތްކުރައްވާ، މިނިސްޓަރު މިއަދު ވަނީ މާލޭ ސިޓީ ކައުންސިލަށް ފާޑުވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ މާލެއަށް ވާރޭވެހި ހިނގާބިނގާވެ އުޅެންދަތިވާ ވަރަށް ފެންބޮޑު ވަނީ މާލޭ ސިޓީ ކައުންސިލުން މާލޭގެ މަގުތަކުގެ ކާނުތައް ސާފުނުކޮށް އެތަންތަން ރަނގަޅަށް ބަލަހައްޓަމުން ނުދާތީ ކަމަށެވެ.

"އާއްމު ގޮތެއްގައި، މާލޭގައި ވާރޭވެހުމުން ފެންބޮޑުވާ ފެންބޮޑުވުމަކީ، އަޅުގަނޑުމެން ބެލިބެލުމުން ފާހަގަ ކުރެވެނީ މާލޭގެ މަގުތަކުގެ ފެންހިންދުމުގެ ނުވަތަ ޑްރެއިނޭޖްގެ ކަންތައް އެހާ ރަނގަޅަށް އިންތިޒާމް ކުރެވިފަ ނެތީމަ. ކާނުތައް ހުރި ނަމަވެސް ކާނުތައް މިހުންނަނީ ވަރަށް ބޮޑަށް ބެދިފަ. އެހެންކަމުން ފެން ހިދެންވާ ބާރުމިނުގައި ފެން ހިނދިގެން ނުދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މާލޭ ކާނުތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތަކީ މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ ކަމެއް ކަމަށާއި އެ ކަމަށް ސަރުކާރުން ބަޖެޓް ވެސް ދެމުންދާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މާލޭ ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް މާލޭ ސިޓީ ކައުންސިލުން އެދެވޭ މަސައްކަތްތަކެއް ކުރިއަށް ނުގެންދާތީ، އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އިސްނަގައިގެން ހަަރަކާތްތަކެއް ކުރިއަށްގެންދާ ކަމަށެވެ.

އެގޮތުން، މާލޭ ސިޓީ ކައުންސިލުން ކާނުތައް ބެދޭ ގޮތަށް ޖަހާފައިވާ ހުރި ގަސްތައް ނަގާ، މާލެ ފެހިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.