30 Oct 2014, 18:41
ވިއްސާރައިގެ ސަބަބުން ފެން ބޮޑުވެގެން އުފެދިދާނެ ބަލިމަޑު ކަމަކުން ރައްކާތެރިވުމަށް ކުނި ކޮއްޓާއި ކުނި އަޅާތަންތަން ދުވަހުން ދުވަހަށް ސާފުކުރުމަށް ނޭޝަނަލް ޑިޒާސްޓަރު މެނޭޖްމަންޓް ސެންޓަރުން އިލްތިމާސްކޮށްފި އެވެ.
އެ ސެންޓަރުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ވެސް މާލޭ އަށާއި އަތޮޅު ތެރޭގެ ރަށްރަށަށް ވިދާ ގުުގުރުމާއެކު ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ހާމަކޮށްފައިވާ ކަމަށާއި ވިއްސާރައިގެ ސަބަބުން އެކި ރަށްރަށުގައި ފެން ބޮޑުވެ ގޭގެ އަށް ފެންވަންނަމުން ދާ ކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމަށެވެ.
ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުންތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް ނޭޝަނަލް ޑިޒާސްޓަރު މެނޭޖްމަންޓް ސެންޓަރުން ވަނީ އެދިފަ އެވެ.
މީގެ އިތުރުން ކޮޅިގަނޑުގައި އަންނަ ގަދަ ވަޔަށް ސަމާލުވުމަށާއި ހާއްސަކޮށް އިމާރާތްތަކާއި ގޭގެގެ ފުރާޅު ފަދަ ތަންތަން ރައްކާތެރިކޮށް ބެލެހެއްޓުމަށާއި އިލެކްްޓްރޯނިކް ސާމާނު ރައްކާތެރިތަނެއްގައި ބެހެއްޓުމަށާއި ރުއްގަސް ސާފުކޮށް އަދި ނުރައްކާވާ ގޮތަށް ހުންނަ އޮފި ގަސް ކެނޑުމަށް ވެސް އެ ސެންޓަރުން ވަނީ އެދިފަ އެވެ.
މީގެއިތުރުން ވިއްސާރައިގައި ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމުގެ ގޮތުން ވިދާ ގުގުރާއިރު މަގުމައްޗަށް ނިކުމެ އުޅުމުގައި ސަމާލުވުމަށާއި ކަރަންޓް ސާމާނު ބޭނުންކުރުމުގައި ވެސް ރައްކާތެރިވުމަށް އެ ސެންޓަރުން ވަނީ އެދިފަ އެވެ.