30 Oct 2014, 17:30
މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އޮޑިޓާ ޖެނަރަލްގެ މަގާމަށް މީހަކު އައްޔަން ކުރަން ލާޒިމްކޮށްފައިވާ ގޮތަށް މަޖިލީހުން ފާސްކުރި ބިލް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް މިއަދު ތަސްދީގު ކުރައްވައިފި އެވެ.
އޮޑިޓް ގާނޫނަށް އިސްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އިސްލާހުގައި ބުނެފައި ވަނީ އެ ބިލް މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އާ އޮޑިޓާ ޖެނަރަލަކު އައްޔަން ކުރަން ޖެހޭނެ ކަމަށެވެ. އެ ބިލް މިއަދު ތަސްދީގު ކުރުމުން، މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އޮޑިޓާ ޖެނަރަލްއަކު އައްޔަން ކުރަންޖެހޭނެ އެވެ.
އޮޑިޓް ގާނޫނުގެ ބައެއް މާއްދާތައް އަލަށް އަމަލުކުރަމުން އަންނަ ގާނޫނު އަސާސީއާ ތަޢާރުޒް ވާތީ އެ މާއްދާތައް އިސްލާޙު ކުރުމަށް ސަރުކާރުގެ ފަރާތުން އޮޑިޓް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް އިޖުތިމާއީ ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން އާ އޮޑިޓާ ޖެނަރަލް އަކު 30 ދުވުގެ ތެރޭގައި އައްޔަން ކުރަން ޖެހޭ ގޮތަށް އިސްލާޙު ހުށަހަޅުއްވީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގް އެވެ.
އޮޑިޓް ގާނޫނަށް އަލަށް ގެނައި އިސްލާހުގައި ބުނާ ގޮތުން މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އޮޑިޓާ ޖެނަރަލްގެ މަގާމަށް މީހަކު އައްޔަން ކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ނަންތަކެއް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވަންޖެހޭނެ ކަމަށެވެ.