30 Oct 2014, 15:26
ޏ. ފުވައްމުލަކުން ދެމަފިރިއަކު ޖިހާދަށް ކަމަށް ބުނެ ސީރިޔާއަށް ދިޔަ މައްސަލަ އެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
'ސަން'އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޖިހާދަށް ކަމަށް ބުނެ ސީރިޔާއަށް ފުރާފައިވަނީ އެރަށު ދިގުވާޑު އަވަށަށް ނިސްބަތްވާ ދެމަފިރިއެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ދެ މީހަކު ޖިހާދަށް ފުރި މައްސަލަ އެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ފުވައްމުލަކުން ދެމަފިރިއަކު ޖިހާދަށް ދިޔަ މައްސަލައެއް ފެންމަތިވެފައިވާއިރު، ރ. މީދޫއިން ކުޑަ އަންހެން ކުއްޖަކާ އެކު އޭނާގެ އާއިލާގެ މެމްބަރުންތަކެއް ޖިހާދަށް ދިޔަ ކަމަށް ބުނެ ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައެއްގެ ތަހުގީގު ވެސް ވަނީ ފަށާފަ އެވެ. އަދި އެ އާއިލާއާ ގުޅުން އޮންނަ އެ އަތޮޅު މަޑުއްވަރީއަށް ނިސްބަތްވާ މީހަކު ވެސް ޖިހާދަށް ދިޔަ މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.