26 Jan 2011, 09:05
ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަސިޓީ، އަންނަ ރަބީޢުލްއައްޥަލް މަހުގެ 12 ވަނަ ދުވަހު އުފެއްދެވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި އެވެ.
ސަރުކާރުން އެކަން އިއުލާން ކުރެއްވީ އިއްޔެ ކުޅުދުފުއްށީގައި އޮތް ވަޒީރުންޖެ މަޖިލީހުގެ ޖަލްސާގަ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އެ ދުވަހު ޔުނިވަސިޓީ އުފެއްދެވުމަށް ނިންމެވީ، އެ ދުވަހަކީ، ކީރިތި ރަސޫލާގެ ޢީދުމީލާދު ދުވަސްކަމަށްވުމާއި އެ ދުވަހަކީ، ރާއްޖޭގެ ތަޢްލީމުގެ އަލިގަދަ އެއް ދަންމަރު ކަމުގައިވާ "ދާރުލްޢުލޫމް" މީގެ 61 އަހަރު ކުރިން ހުޅުވުނު ދުވަސްކަމަށްވާތީ އެވެ.
ދާރުލްޢުލޫމް ހުޅުވުނީ، ހިޖުރައިން 1371 ވަނަ އަހަރުގެ ރަބީޢުލްއައްޥަލް މަހުގެ 12 ވަނަ ދުވަހު އެވެ.
ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަސިޓީއަކީ، ރާއްޖޭގެ ތަޢްލީމީ ނިޒާމުގައި ވަރަށް ޚާއްޞަ މަގާމެއް ލިބޭނެ ތަނަކަށްވާތީ، އެތަން އުފައްދަވާ ތާރީޚް ކަނޑައެޅުއްވުމުގައި، ރާއްޖޭގެ ތަޢްލީމީ ޙަޔާތަށް ރިޢާޔަތް ކުރެއްވުމަކީ، ވަރަށް މުހިންމު ކަމެއްކަން ވަޒީރުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މެންބަރުން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އިއްޔެގެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ފަހު، ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވަމުން ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނީ، މާލެ އިން ބޭރުގައި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވެވުނުކަމީ، ސަރުކާރަށް ވަރަށް އުފާވެރިކަމެއް ލިބޭ ކަމެއް ކަމަށެވެ.