ޖަމިއްޔަތުއް ސަލަފުގެ " ދަކޯލް" ޕްރޮގްރާމްގެ ތެރެއިން ކާނިވާ ސަރަހައްދުގައި މިރޭ ބާއްވަން ހަމަޖެއްސި ޑރ. ބިލާލް ފިލިޕްސްގެ ދަރުސް މަސްޖިދުއް ސުލްތާން މުޙައްމަދު ތަކުރުފާނުލް އައުޒަމް (އިސްލާމީ މަރުކަޒު)އަށް ބަދަލުކޮށްފި އެވެ.

ޖަމިއްޔަތުއް ސަލަފްގެ އޮޕަރޭޝަން މެނޭޖަރު އަލީ ރަމީޒް ވިދާޅުވީ، ދަރުސް އޮންނާނީ އިސްލާމީ މަރުކަޒުގެ ނަމާދުކުރާ ބައިގައި ކަމަށާއި ދެޖިންސްގެ މީހުންނަށް ވަކިން ދަރުސް އަޑު އެހޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ، ޢިޝާނަމާދުގެ ފަހު ސުންނަތް ނިމޭ އިރަށް ދަރުސް ފަށަން ހަމަޖެހިފައިވާ ކަމަށެވެ.

ސަން އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ހަމަޖެހިފައިވާ "ދަ ކޯލް" މިފަހަރު ބާއްވާނީ ކުރިއަށް ވުރެ ފުޅާކޮށް ކަމަށް ޖަމިއްޔަތުއް ސަލަފުން ކުރިން ވަނީ ބުނެފައެވެ.

މިރޭން ފެށިގެން ކުރިއަށް ގެންދާ އެ ހަރަކާތާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޖަމިއްޔަތުއް ސަލަފުގެ އޮޕަރޭޝަން މެނޭޖަރު އަލީ ރަމީޒު އޭރު ވިދާޅުވެފައި ވަނީ ކުރީ އަހަރާ ހިލާފަށް ދަ ކޯލް ގެ ހަރަކާތް މިފަހަރު އައްޑޫ ސިޓީ އާއި ފުވައްމުލަކުގައި ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"މިފަހަރު އަސްލު ކުރީ ދެފަހަރަށް ވުރެ ފުޅާކޮށް މިކަން ބާއްވަން ރޭވިފައި ވަނީ. ކުރީ ފަހަރުތަކުގައި އަޅުގަނޑުމެން އަމާޒުކޮށްފައި ވާނީ ހަމަ އެކަނި މާލެއަށް. އެހެން ނަމަވެސް މިފަހަރު އައްޑޫ، ފުވައްމުލަކުގައި ހަރަކާތްތައް ރޭވިފައި ވަނީ. އަދި މާލޭގެ އިތުރުން ހުޅުމާލެއާއި ވިލިމާލޭގައި ވެސް ހަރަކާތް ކުރިއަށްދާނެ އިންޝާﷲ" ޢަލީ ވިދާޅުވި އެވެ.

ނޮވެމްބަރުމަހުގެ ދެވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ ހަރަކާތުގައި ޑރ. ބިލާލު ފިލިޕްސްގެ އިތުރުން އިސްލާމްދީނަށް ގޮވައިލައްވާ ބޭފުޅެއް ކަމަށް އިނގިރޭސިވިލާތުގެ ޢަބުދުއް ރަޙީމް ގްރީން ބައިވެރިވެވަޑައިގަންނަވާނެ އެވެ.