30 Oct 2014, 10:04
ރާއްޖެ އަންނަ ފަތުރުވެރިންނަށް އިސްލާމްދީނުގެ ދައުވަތު ދިނުމަކީ އެމީހުން އަތުން ލިބޭ ޑޮލަރަށް ވުރެ މާ އަގުހުރި ކަމެއް ކަމަށް ކެނެޑާގެ މަޝްހޫރު އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް (އަބޫ އަމީނާ) ވިދާޅުވެއްޖެ އެވެ.
ޖަމިއްޔަތުއް ސަލަފުން އިންތިޒާމްކޮށްގެން ބާއްވާ، އަދި ސަން އޮންލައިން މިޑިއާ ޕާޓްނަރަކަށް ހަމަޖެހިފައިވާ " ދަ ކޯލް" ގައި ތަގުރީރު ކުރެއްވުމަށް މިއަދު ރާއްޖެއަށް ވަޑައިގެން، އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ހުންނަވައި ޑރ. ބިލާލު ވިދާޅުވީ، އިސްލާމްދީނުގެ ދައުވަތު ފެތުރުމުގައި ދިވެހީންނަށް އަދާކުރަން ޖެހޭ ދައުރާ ބެހޭ ގޮތުން މިފަހަރު ވާހަކަފުޅު ދައްކަވާނެ ކަމަށެވެ.
"... ދައުވާ ފެތުރުމުގައި މިތަނުގެ މުސްލިމުން އަދާ ކުރަން ޖެހޭ ދައުރާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކާނަން. މިއީ ޓޫރިޒަމްގެ ގައުމެއް، އެހެންވީމާ ޣައިރު މުސްލިމުން ހޯދަން އެހެން ތަނަކަށް ދާކަށް ނުޖެހޭނެ. އެ ހުރިހާ އެންމެން އެ އަންނަނީ ތިޔަބޭފުޅުންގެ އަރިހަށް. އެހެންވީމާ އަޅުގަނޑުމެން ކުރަން ޖެހޭ ކަންތައް ކޮށްލީމާ ނިމުނީ. އެމީހުންނަށް މައުލޫމާތު ދޭންވީ. ހަމަ އެކަނި އެމީހުން އަތުން ޑޮލަރު ހޯދުމެއް ނޫން ކުރަންވީ ކަމަކީ. ބަދަލުގައި އެމީހުންނަށް ވެސް އެއްޗެއް ދޭންވީ. އެމީހުންނަށް އިސްލާމްދީނާ ބެހޭ މައުލޫމާތު ދޭންވީ. އެއީ ޑޮލަރަށް ވުރެ މާ އަގުހުރި އެއްޗެއް،" މިފަހަރު ރާއްޖޭގައި ތަގުރީރު ކުރައްވާނެ މަލޫއުތަކާ ބެހޭ ގޮތުން 'ސަން' އިން ސުވާލު ދެންނެވުމުން ޑރ. ބިލާލް ވިދާޅުވި އެވެ.
ތަގުރީރު ކުރައްވާނެ އެހެން މައުލޫއުތަކުގެ ތެރޭގައި ޒުވާނުންގެ ހަރަކާތްތަކާއި ޒުވާނުންގެ ދައުރު ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، އޭތީސްޓުން (ދީނެއް ގަބޫލު ނުކުރާ މީހުން) އުފައްދާ ސުވާލުތަކަށް ރަނޅަށް ޖަވާބުދާރީ ވުމަށް ޒުވާނުން ތައްޔާރު ކުރުމަށް ތައުހީދާ ބެހޭ ގޮތުން ވެސް ވާހަކަފުޅު ދައްކަވާނެ ކަމަށެވެ.
"ދަ ކޯލް" މިފަހަރު ބާއްވާނީ ކުރިއަށް ވުރެ ފުޅާކޮށް ކަމަށް ޖަމިއްޔަތުއް ސަލަފުން ކުރިން ވަނީ ބުނެފައެވެ.
މިރޭން ފެށިގެން ކުރިއަށް ގެންދާ އެ ހަރަކާތާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޖަމިއްޔަތުއް ސަލަފުގެ އޮޕަރޭޝަން މެނޭޖަރު އަލީ ރަމީޒު އޭރު ވިދާޅުވެފައި ވަނީ ކުރީ އަހަރާ ހިލާފަށް ދަ ކޯލް ގެ ހަރަކާތް މިފަހަރު އައްޑޫ ސިޓީ އާއި ފުވައްމުލަކުގައި ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"މިފަހަރު އަސްލު ކުރީ ދެފަހަރަށް ވުރެ ފުޅާކޮށް މިކަން ބާއްވަން ރޭވިފައި ވަނީ. ކުރީ ފަހަރުތަކުގައި އަޅުގަނޑުމެން އަމާޒުކޮށްފައި ވާނީ ހަމަ އެކަނި މާލެއަށް. އެހެން ނަމަވެސް މިފަހަރު އައްޑޫ، ފުވައްމުލަކުގައި ހަރަކާތްތައް ރޭވިފައި ވަނީ. އަދި މާލޭގެ އިތުރުން ހުޅުމާލެއާއި ވިލިމާލޭގައި ވެސް ހަރަކާތް ކުރިއަށްދާނެ އިންޝާﷲ" ޢަލީ ވިދާޅުވި އެވެ.
ނޮވެމްބަރުމަހުގެ ދެވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ ހަރަކާތުގައި ޑރ. ބިލާލު ފިލިޕްސްގެ އިތުރުން އިސްލާމްދީނަށް ގޮވައިލައްވާ ބޭފުޅެއް ކަމަށް އިނގިރޭސިވިލާތުގެ ޢަބުދުއް ރަޙީމް ގްރީން ބައިވެރިވެވަޑައިގަންނަވާނެ އެވެ.