30 Oct 2014, 09:38
ލަންޑަން (އޮކްޓޯބަރު 30): އިނގިރޭސިވިލާތަށް ބޭނުންވެފައިވާ ބޮޑެތި އިންވެސްޓްމަންޓްތައް ގަތަރުން ކޮށްދިނުމަށް އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން ގަތަރުގެ އަމީރު ތަމީމް ބިން ޙަމަދު ގެ ކިބައިން އެދިވަޑައިގެންފި އެވެ.
އިނގިރޭސި ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއް ބުނާގޮތުން ކެމެރޮން މިކަމަށް އެދިވަޑައިގަތީ، ގަތަރުގެ އަމީރު މިހާރު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ދެބޭފުޅުން ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގަ އެވެ.
އިންވެސްޓް ކޮށްދިނުމަށްއެދި އިނގިރޭސިބޮޑުވަޒީރު ކެމެރޮން ގަތަރުގެ އަމީރުގެ އަރިހަށް ހުށަހެޅުއްވި މަޝްރޫޢުތަކަކީ އެތަކެއް ބިލިޔަން ޑޮލަރުގެ މަޝްރޫއުތަކެއް ކަމަށާ މިއީ އިނގިރޭސި ސަރުކާރުގެ އިތުރުން އިނގިރޭސި ކުންފުނިތަކަށްވެސް އިންވެސްޓް ކުރަންދަތި ބިޔަ މަޝްރޫޢުތަކެއް ކަމަށް ރޮއިޓާސް ބުނެ އެވެ.
މި މަޝްރޫޢުތަކުގެ ތެރޭގައި އިނގިރޭސިވިލާތުގެ އުތުރުގެ ސިޓީތައް ވެރިރަށް ލަންޑަން ހައިސްޕީޑް އިލެކްޓްރިކް ރޭލްވޭތަކުން ގުޅާލުމުގެ މަޝްރޫޢަކާއި މެންޗެސްޓާ ސިޓީއާއި ލަންޑަންނާ ދެމެދުވެސް ހައިސްޕީޑް އިލެކްޓްރިކް ރޭލްވޭއެއް ބިނާކުރުމުގެ މަޝްރޫޢު ހިމެނޭކަމަށްވެ އެވެ. މީގެތެރެއިން މެންޗެސްޓާ ސިޓީއާއި ލަންޑަންނާ ދެމެދު ހައިސްޕީޑް އިލެކްޓްރިކް ރޭލްވޭއެއް ބިނާކުރުމުގެ މަޝްރޫޢަކީ 67 ބިލިޔަން ޑޮލަރުގެ އަގުބޮޑު މަޝްރޫޢަކަށްވާއިރު އިނގިރޭސިވިލާތުގެ އުތުރުގެ ސިޓީތައް ހައިސްޕީޑް އިލެކްޓްރިކް ރޭލްވޭތަކުން ލަންޑަނާ ގުޅާލުމުގެ މަޝްރޫޢަކީ މިއަށްވުރެވެސް އަގު ބޮޑު މަޝްރޫޢެއް ކަމަށް ރޮއިޓާސް ބުނެ އެވެ.
އިނގިރޭސިވިލާތަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވެފައިވާ ތަރައްގީގެ އެންމެ ބޮޑު ދެމަޝްރޫޢުގެ ތެރޭގައި މިދެ މަޝްރޫޢު ހިމެނޭކަމަށް އިނގިރޭސި ސަރުކާރުން ހާމަކޮށްފައިވެ އެވެ.
ތެލާއި ގުދުރަތީ ގޭހުގެ މުއްސަނދިކަން ލިބިފައިވާ އަރަބި ގައުމެއް ކަމަށްވާ ގަތަރަކީ އަހަރަކު އެތަށް ސަތޭކަ ބިލިޔަން ޑޮލަރެއްގެ އާމްދަނީ ލިބޭ ކުޑަ ގައުމެކެވެ. ފައިސާގެ މި ތަނަވަސްކަމާއެކު ދުނިޔޭގެ އެތަށް ގައުމެއްގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ގަތަރުން ކުރަމުން ގެންދެ އެވެ. މިގޮތުން އިނގިރޭސިވިލާތުގައިވެސް ގަތަރުން އެތަށް ބިލިޔަން ޑޮލަރެއްގެ އިންވެސްޓްތަކެއް މިހާރުވެސް ކޮށްފައިވެ އެވެ.
ލަންޑަންގައި އެންމެ އުސްކޮށް ބިނާކޮށްފައިވާ "ދަ ޝާޑް" އިމާރާތަކީވެސް ގަތަރުން އެތަށް ބިލިޔަން ޑޮލަރެއް އިންވެސްޓްކޮށްގެން ބިނާކޮށްފައިވާ އިމާރާތެކެވެ. ގަތަރުގެ އަމީރުގެ މި ޒިޔާރަތާ ދިމާކޮށް އިނގިރޭސި ބައެއް ލޮބީ ގްރޫޕްތަކުންވަނީ ގަތަރު ސަރުކާރުން އިޚްވާނުލްމުސްލިމޫން ޖަމާއަތާއި ހަމާސް ޖަމާއަތާ އަދި އައިއެސް ޖަމާއަތްފަދަ ޖަމާއަތްތަކަށް ފައިސާގެ ބޮޑެތި އެހީތަކެއް ވަމުންދާކަމަށް ތުހުމަތުކޮށް އެކަންހުއްޓުވުމަށް ގަތަރުގެ އަމީރުގެ ކިބައިން އެދިވަޑައިގަތުމަށް ބޮޑުވަޒީރު ޑޭވިޑް ކެމެރޮންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
މިސްރުގެ އިޚްވާނުލްމުސްލިމޫން ޖަމާއަތާއި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތަށް އެހީވާކަމަށް ގަތަރުން ދެކޮޅު ހަދާފައެއް ނުވެ އެވެ. ނަމަވެސް އިރާގުގައި ހަރަކާތްތެރިވާ ހަރުކަށި ޖަމާއަތެއް ކަމަށްވާ އައިއެސް ޖަމާއަތަށް އެހީވާކަމަށް ގަތަރުން އިންކާރު ކުރެ އެވެ. ގަތަރަކީ އައިއެސްއާ ދެކޮޅަށް އެމެރިކާ އެކުލަވާލާފައިވާ އިއްތިޙާދުގެ ގައުމެކެވެ.
ގަތަރުގެ އަމީރުގެ ދަތުރުފުޅުގައި އިނގިރޭސި ރާނީ އެލިޒަބަތް ދެވަނަ އާ ބައްދަލުކުރެއްވުންވެސް ހިމެނެ އެވެ. (ރޮއިޓާސް)