30 Oct 2014, 10:26
ލަންޑަން (އޮކްޓޯބަރު 29): ލަންޑަނުގައި ދިރިއުޅޭ އިނގިރޭސިވިލާތުގެ ފިރިހެން ކުއްޖަކު އެއްގޮތަކަށްވެސް ކައިބޮއި ނޫޅޭތާ މިހާރު އަހަރެއް ވެފައިވާ ކަމަށާއި އޭނާއަށް ބަނޑުހައިހޫނުކަން އެއްވެސް ވަރަކަށް އިޙްސާސް ނުކުރެވޭ ކަމަށް ލަންޑަނުގައި ނުކުންނަ "ޑެއިލީ މެއިލް" ނޫސް ބުނެފި އެވެ.
އެ ނޫހުގައިވާގޮތުން ލެންޑޮން ޖޯންޒް ނަމަކަށްކިޔާ މި ކުއްޖާ އެންމެފަހުން ކެއީ އައިސްކްރީމް އެވެ. އެއީ 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު އެވެ. އޭގެކުރިން ޖޯންޒް އަކީ ބަރާބަރަށް ކައިބޮއި ހަދާ ކުއްޖެއް ކަމަށާއި ނަމަވެސް އެދުވަހު އައިސް ކްރީމް ކެއުމަށްފަހު ކައިބޮއިއުޅުން މުޅިން ހުއްޓާލާފައިވާ ކަމަށާއި އެއްގޮތަކަށްވެސް ކާހިތްނުވާ ކަމަށް ޖޯންޒް ބުނާކަމަށް މިނޫސް ބުނެ އެވެ.
ޖޯންޒްގެ އާއިލާއާ ހަވާލާދީ "ޑެއިލީ މެއިލް" ބުނާގޮތުން އޭނާއަކީ އެހެން ކުދިންނާއެކު ކުޅުމަށާއި މަޖާކުރުމަށް ވަރަށް ފޯރިހުންނަ އިޖްތިމާއީ ކުއްޖެކެވެ. ނަމަވެސް މި މައްސަލަ ޖޯންޒަށް ދިމާވުމަށްފަހު އޭނާގެ ހަރަކާތްތައް ވަރަށްބޮޑަށް މަދުވެ އަބަދުވެސް އުޅެނީ ބޮލުގައި ރިއްސާތީ ކަމަށާއި މިކަމުގެ ސަބަބުން ގިނަ ދުވަސްތަކުގައި ސްކޫލަށްވެސް އޭނާއަށް ޙާޒިރު ނުވެނޭކަމަށް އާއިލާއާ ހަވާލާދީ "ޑެއިލީ މެއިލް" ބުނެ އެވެ.
ޖޯންޒްގެ މަންމައާއި ބައްޕަ ހާމަކުރާ ގޮތުގައި އޭނާއަށް ކުރިމަތިވެފައިވާ ސިއްޙީ މައްސަލަ ދެނެގަތުމަށާއި އޭނާއަށް ފަރުވާދިނުމަށް ޑޮކްޓަރުންވަނީ ނުކުޅެދިފަ އެވެ. ދިގުމުއްދަތަކަށް ނުކައި ހުރުމުގެ ސަބަބުން ޖޯންޒްގެ ހަށިގަނޑު މިހާރުވަނީ ވަރަށްބޮޑަށް އަނަރޫފަވެފަ އެވެ. މިގޮތުން އުމުރުން 13 އަހަރުގެ ޖޯންޒްގެ ހަށިގަނޑުން ފާއިތުވި އެއް އަހަރު ތެރޭގައި 16 ކިލޯގްރާމް ލުއިވެފައިވާ ކަމަށާއި އޭނާގެ ހަށިގަނޑު މިހާރުދަނީ ހިކިއަނަރޫފަވެ ހަންގަޑު ކަށިތަކުގައި ތަތްލަމުން ކަމަށް ޚަބަރުލިބެ އެވެ.
ޖޯންޒަށް ކުރިމަތިވެފައިވާ މި މައްސަލަ ފުރިހަމައަށް ދެނެގަތުމަށް ޑޮކްޓަރުން ނުކުޅެދިފައިވާއިރު ޖޯންޒްގެ ބައްޕަ ލަފާކުރާ ގޮތުގައި އޭނާއަށް ޖެހިފައިވަނީ ސިކުޑިއަށް ޖެހޭ ވަރަށް ނާދިރު ބައްޔެކެވެ. އެ ބަލިޖެހުމުން ހައިހޫނުކަމާއި ކަރުހިއްކުމުގެ ކޮންޓްރޯލް މުޅިން ގެއްލިގެންދާ ކަމަށާއި އެ ބަލިޖެހިފައިވާ އެހެން މީހަކު ދުނިޔޭގައި ހުރިކަން މިހާތަނަށް މެޑިކަލް ތަފާސްހިސާބުތަކުން ފާހަގަ ކުރެވިފައިނުވާ ކަމަށް ޖޯންޒްގެ ބައްޕަ ބުނެ އެވެ.
ކާހިތްނުވާ މިބަލި ޖެހެނީ ސިކުނޑީގައިވާ 'ހައިޕޯތެލަމަސް' އަށް މައްސަލަތަކެއް ދިމާވުމުން ކަމަށް ވުމަކީ އެކަށީގެންވާ ކަމަށް ބައެއް ޑޮކްޓަރުންނާ ހަވާލާދީ "ޑެއިލީ މެއިލް" ބުނެ އެވެ.