ގަލޮޅުގައި ހުންނަ އޮފީހެއްގެ ތިޖޫރީ ފަޅާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ދިހަ މީހުންގެ ތެރެއިން ފަސް މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ސަން" އަށް ވިދާޅުވީ އެ މައްސަލާގައި ހައްޔަރު ކުރި މީހުންގެ ތެެރެެއިން ފަސް މީހަކު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެ މީހުންނަކީ އެ މައްސަލާގައި ހިމެނޭ މީހުން ހޯދުމަށް ފުލުހުންގެ އިންޓެލިޖެންސް އިން ހިންގި އޮޕަރޭޝަންގައި އެ ސަރަހައްދުން އަތުލައިގެންފައިވާ ބައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހައްުޔަރު ކުރި މީހުންގެ ތެެރެެއިން ހަތަރު މީހަކަށް ފަސް ދުވަހުގެ މުއްދަތު ކޯޓުން ޖަހައިދީފައިވާއިރު ފަސް ވަނަ މީހާގެ ބަންދަށް 10 ދުވަސް ވަނީ ޖަހައިދީފަ އެވެ.

އެ މީހުން ހައްޔަރުކޮށްފައި ވަނީ ގ. ޝަފަގް ފުރަތަމަ ފަންފިލާގައި ހުންނަ ލޯފާމެއް ކަމުގައިވާ އާނެސްޓް އެންޑް ޔަންގް އޮފީހުގެ ތިޖޫރި ފަޅާލަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ފުުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.

އެ މައްސަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 35 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނެއްގެ އިތުރުން 24 އަހަރުގެ ފިރިހެނެކެވެ. އެ އެންމެންނަކީ ވެސް ދިވެހިންނެވެ.

އެ މީހުންގެ ތެރެއިން 25 އަހަރުގެ މީހާ އާއި 27 އަހަރުގެ މީހާއަކީ ވައްކަމާއި ފޭރުމާއި މާރާމާރީގެ އިތުރުން މަސްތުވާތަކެތީގެ ގިނަ މައްސަލަތަކުގެ ރެކޯޑް އޮންނަ ދެމީހުން ކަމަށާއި 35 އަހަރުގެ މީހާއަކީ ފޭރުމާއި ވައްކަމާއި މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މާލޭގައި މިއަހަރުގެ މިހާތަަނަށް ކޮށްފައިވާ ވައްކަންތަކުގެ ތެރެއިން 50 ހާހަށްވުރެ ގިނަ ފައިސާގެ ގުޅުންހުރި ވައްކަންތައްކޮށް އެކި ތަންތަނުގެ ތިޖޫރީފަޅައި، ތިޖޫރީ ވަގަށް ނެގުމުގެ ޖަރީމާ ހިންގާފައި ވަނީ މޫނު ނިވާކޮށްގެން ތިބެ ކަމަށާއި އެ މީހުން އެ ވައްކަންތައް ކޮށްފައިވަނީ ފުލުހުންނަށް ހެކި ފޮރުވަން ކުރެވެން ހުރި ގިނަ ކަންކަން ކުރުމަށް ފަހު ކަމަށް ތަޙުގީގަށް މިހާތަނަށް އެނގިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.