29 Oct 2014, 18:36
މަޖީދީ މަގުގައި އިންދާފައި ހުރި ފެންފޯއް ރުއްތައް ކެނޑި ރޭ ބަޔަކު ހައްޔަރު ކުރި ކަމަށާއި އެ މީހުން ހައްޔަރު ކުރީ އެހެން މައްސަލައެއްގައި ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރުއްތައް ކެނޑި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ފުލުހުންގެ ބޮލުގައި އަޅުވަމުން ގެންދާ އިލްޒާމްތަކާ ގުޅިގެން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ވިދާޅުވީ ރުއްތައް ކެނޑި ރޭ ތަފާތު ދެ އޮޕަރޭޝަނެއް ފުލުހުން ހިންގާފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަންތަކުގައި ބަޔަކު އަތުލައިގަތް ކަމަށާއި ނަމަވެސް އެ އޮޕަރޭޝަންތަކުގައި އަތުލައިގަތީ ފުލުންގެ ވަޒީފާގައި ތިބި ބައެއް ކަމެއް ސީޕީ ވިދާޅެއް ނުވެ އެވެ.
އޭނާ ވިދާޅުވީ އެ ރޭ ހައްޔަރު ކުރި މީހުންނަކީ މަޖީދީމަގުގައި ހުރި ރުއްތައް ކެނޑި މީހުން ކަމުގައިވާނަމަ އެ ބަޔަކު ދޫކޮށްނުލާނެ ކަމަށް ސީޕީ ހުސައިން ވިދާޅުވީ އެވެ.
"އެރޭ ހިފެހެއްޓި ބަޔަކު އެބަ ތިބި ފުލުހުންގެ ބެލުމުގެ ދަށުގައި. މުޅިން އެހެން ދިމާލަކުން ހިފެހެއްޓި ބަޔަކު އެއީ. އަޅުގަނޑުމެންނަށް އެބަ އެނގޭ އެއީ ކޮން ބައެއް ކަން. އެ މީހުންނަކީ ރުއްކެނޑި މީހުން ކަމުގައިވާނަމަ އެ މީހުން ދުލެއް ނުކޮށްލާނަން،" ސީޕީ ވިދާޅުވި އެވެ.
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގޮސް މަޖީދީމަގުގައި ހުރި ރުއްތައް ކަނޑާލި މައްސަލާގައި އެމްޑީޕީގެ ލީޑަރު އަދި ކުރީގެ ރައީސް ނަޝީދު ވަނީ އެކަން ކުރީ ފުލުހުންގެ ސްޕެސަލިޓްސް އޮޕަރޭޝަންގައި ހަރަކާތްތެރިވާ ފުލުހުންގެ ބަޔަކު ކަމުގެ މައުލޫމާތު ލިބިވަޑައިގެންނަވާ ކަމަށް ވިދާޅުވެ ބައެއް ފުލުހުންގެ ނަންތައް ހާމަކުރައްވައިފަ އެވެ.
ނަމަވެސް ސީޕީ ވިދާޅުވީ ރުއްތައް ކެނޑުމުގައި ހަރަކާތްތެރިވީ ފުލުހުން ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކައަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށްގެން ދައްކާ ވާހަކަތަކެއް ނޫން ކަމަށާއި އެ ވާހަކަތައް ކުށްވެރި ކުރައްވާ ކަމަށެވެ. އަދި އެފަދަ ކަމެއް ފުލުހުން ނުކުރާނެ ކަމުގެ ޔަގީން ކަން ވެސް ސީޕީ ދެއްވި އެވެ. އަދި އެފަދަ ވާހަކަތައް ދެއްކުން ހުއްޓާލުމަށް ވެސް ސީޕީ ވަނީ ގޮވާލައްވައިފަ އެވެ.
"ވަރަށް ގިނަ ތުހުމަތުތަކެއް އެބަހުރި ފުލުހުންގެ މައްޗަށް ކޮށްފައި. އެގޭތެރޭގައި ފުލުހުންނާއި ސިފައިންގެ ތެރޭގައި ހައްދު ފަހަނަ އަޅާފައިވާ ދީނީ އެކިއެކި ޖަމާއަތްތަކާ ގުޅުން ބޮޑު ކަމާއި އޭގެތެރޭގައި ސިފައިންނާއި ފުލުހުންގެ އިސް މަގާމުތަކުގެ ބޭފުޅުންނަކީ އެފަދަ ވިސްނުމުގައި ހިމެނޭ ބޭފުޅުންގެ ގޮތުގައި ވާހަކަތައް ކޮންމެ ވެެސް މަގުސަދެއް ހާސިލް ކުރުމަށް ބަޔަކު ދައްކަމުން އެބަދޭ،" ސީޕީ ވިދާޅުވި އެވެ.
ކޮމިޝަނާ ވިދާޅުވީ ފުލުހުންނަކީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދުވަހަކު ވެސް ފަހަތަށް ޖެހޭނެ ބައެއް ނޫން ކަމަށާއި ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ކުރުމަށް އެއްވެސް ފުލުހަކަށް އަންގާފައިނުވާނެ ކަމަށެވެ.
ރުއްތައް ކެނޑި ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނަކީ މާލޭގައި މިދިޔަ ހަފްތާގައި ހިނގާ ދިޔަ ވައްކަމުގެ މައްސަލައަކާ ގުޅިގެން ބަޔަކު ހައްޔަރު ކުރުމާއި ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ. ނަމަވެސް އެ ކަމާއި ރުއްކެނޑި މައްސަލައަކާ އެއްވެސް ގުޅުމެއް ނުވާ ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.
ރުއް ކެނޑި މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ބައެއް ސީސީޓީވީ ފުޓޭޖްތައް އެއްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އޭގެތެރެެއިން ގިނަ ކެމެރާތަަކަކީ ރަނގަޅު ކޮންޑިޝަންގައި ހުރި ތަކެތި ކަމަށް ހުސެއިން ވެސް ވިދާޅުވި އެވެ.