ވޮޝިންޓަން : ލުބްނާނުގައި އާ ސަރުކާރެއް އެކުލަވާލުމުގެ ކަންތައް އެޤައުމުގެ އިދިކޮޅު ފަރާތްތަކުގެ ތާއީދު ލިބިފައިވާ ނަޖީބް މީޤާތީ އާ ހަވާލު ކުރުމުން އެކަމާމެދު ނުރުހޭކަން އެމެރިކާ ހާމަކޮށްފިއެވެ. މިމައްސަލާގައި، ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަން ލުބްނާނަށް އިންޒާރު ދެއްވަމުން އިއްޔެ ވިދާޅުވީ އިދިކޮޅު ހިޒްބުﷲ ގެ ނުފޫޒު ހިނގާ ސަރުކާރެއް ލުބްނާނުގައި ޤާއިމްކޮށްފިނަމަ ލުބްނާނާއި އެމެރިކާގެ ގުޅުންތަކަށް ނޭދެވޭ އަސަރުކޮށް ދެޤައުމުގެ މިގުޅުންތައް ގޯސްވެގެންދާނެ ކަމުގައެވެ.

އާ ސަރުކާރު އެކުލަވާލުމުގެ ކަންތައް ރައީސް މިޝައިލް ސުލައިމާން، މީޤާތީ އާ ހަވާލުކުރެއްވީ ލުބްނާނުގެ ބަރުލަމާނުގެ ބޮޑު އަޣްލަބިއްޔަތެއް އޭނާއަށް ލިބުމާ ގުޅިގެންނެވެ. އެމެރިކާއާއި ފަރަންސޭސިވިލާތްފަދަ ޒަމާނުއްސުރެ ލުބްނާނަށް ނުފޫޒު ފޯރުވަމުންދާ ހުޅަނގުގެ ބާރުތަކުގެ ތާއީދު ލިބިފައިވާ ކުރީގެ ބޮޑުވަޒީރު ސަޢްދުލްޙަރީރީ އަށް ބަރުލަމާނުގެ އަޣްލަބިއްޔަތު ނުލިބުމާގުޅިގެން އާ ސަރުކާރުގެ ބޮޑުވަޒީރަކަށް ވުމުގެ ފުރްސަތު އޭނާއަށްވަނީ ގެއްލި ވަޑައިގެންފައެވެ.

މިއީ ލުބްނާނުގެ ސަރުކާރެއް އެކުލަވާލުމުގައި އެމެރިކާއާއި ޔޫރަޕްގެ ނުފޫޒު އެއްފަރާތް ވެގެންދިޔަ ފުރަތަމަ ފަހަރެވެ. އެހެންކަމުން ލުބްނާނުގެ އާސަރުކާރު އެކުލަވާލުމުގެ ކަންތައް ޑިމޮކްރަސީގެ އުސޫލުން ދިޔަނަމަވެސް އެމެރިކާއާއި ޔޫރަޕަށްވަނީ މިކަން ހަޖަމު ކުރަން ދަތިވެފައެވެ.

މީޤާތީއަކީ ކުރިން ބޮޑުވަޒީރުކަން ކުރައްވާފައިވާ މުއްސަނދި އަދި ވަރަށް ޢިލްމީ ބޭފުޅެކެވެ. އޭނާއަކީ އެމެރިކާއާއި ޔޫރަޕްގެ ނުފޫޒުން އެއްކިބާވެ ވަޑައިގެން ހުންނެވި ލުބްނާނުގެ ގިނަބައެއްގެ އިހްތިރާމް ލިބިވަޑައގެންފައިވާ އިސްލާމީ އަދި ވަތަނީ ޚިޔާލުގެ ޝަޚްސިއްޔަތެކެވެ. އެމެރިކާއާއި ހުޅަނގުގެ ތާއީދު ލިބިފައިވާ ކުރީގެ ބޮޑުވަޒީރު ސަޢްދުލްހަރިރީގެ ސަރުކާރު މިދިޔަ ހަފްތާގެ ކުރީކޮޅު ވެއްޓުނީ އޭނާގެ ބައްޕަ ރަފީޤުލްހަރީރީގެ މަރުގެ މައްސަލަ ބެލުމުގެ ނަމުގައި އެމެރިކާއާއި އިސްރާއީލު ފަހަތުގައި އޮވެގެން އދ. ން އުފައްދާފައިވާ ކޯޓުގެ މަސައްކަތް ކުރިޔަށް ގެންދިޔުމުގެ ފުރްސަތު އޭނާ ދެއްވުމުންނެވެ.

މި ކޯޓުގެ އަމާޒަކީ ރަފީޤުލްހަރީރީގެ މަރާއި ޙިޒްބު ﷲ އާ ގުޅުވުން ކަމަށް ލުބްނާނުގެ އިދިކޮޅު އެލަޔަންސުން ދެކެއެެވެ. މިކޯޓުގެ މަސައްކަތް ކުރިޔަށް ގެންދިޔުމުގެ ފުރްސަތު ދީފިނަމަ ލުބްނާނުގައި އަލުން ދާޚިލީ ފިތްނައިގެ ހުޅުގަނޑު ރޯވާނެ ކަމަށާއި އެމެރިކާއާއި އިސްރާއީލުގެ މަޤްސަދަކީ މިއީ ކަމަށް ލުބްނާނުގެ އިދިކޮޅު ފަރާތްތަކުން ދެކެއެވެ. ރަފީޤުލްހަރީރީގެ މަރުގެ ފަހަތުގައިވަނީ އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސޭޑް ކަމަށް ޙިޒްބުﷲ އާއި ލުބްނާނުގެ އިދިކޮޅު ފަރާތްތަކުން ދެކެއެވެ. އެމެރިކާއާއި އިސްރާއީލުން މިކަމުގެ ތުހުމަތު ކުރަނީ ހިޒްބު ﷲ ގެ މައްޗަށެވެ.