29 Oct 2014, 18:16
ދެކުނު އެފްރިކާގެ ގައުމެއް ކަމަށްވާ ރިޕަބްލިކް އޮފް ޒަމްބިއާގެ ރައީސް މައިކަލް ސާޓާ އިއްޔެ ހަވީރުގެ ވަގުތެއްގައި އަވަހާރަވެއްޖެއެވެ.
ސީއެންއެން އިން މިއަދު ބުނި ގޮތުގައި 2011 ވަނަ އަހަރު ޒަމްބިއާގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ސާޓާ، އުމުރުފުޅުން 77 އަހަރުގައި އަވަހާރަވީ ލަންޑަނަށް ބޭސްފަރުވާއަށް ވަޑައިގެން އުޅުއްވަނިކޮށް ކަމަށެވެ. އެމަނިކުފާނު ބޭސްފަރުވާ ކުރައްވަނީ ކޮން ބައްޔަކަށް ކަމެއް މިހާތަަނަށް އެއްވެސް މީޑިއާއަކުން ހާމަކޮށްފައި ނުވިޔަސް އެމަނިކުފާނު އާލާސްކަންފުޅައިގެން އުޅުއްވާތާ ދުވަސްތަކެއް ވެއްޖެ ކަމަށް ސީއެންއެން އިން ބުންޏެވެ.
"ވަރަށް ހައިރާންކުރުވަނިވި ހަބަރެއް. ވަރަށް ދެރަވޭ އެއީ އަޅުގަނޑަށް އިނގޭ ރައީސް ބަލިވެ އުޅުއްވާކަން. އެކަމަކު އަޅުގަނޑު ހިތަކަށް ނާރާ މިހެން މިކަން ނިމޭނެއެކޭ... ގެއްލިގެން މިދިޔައީ ގައުމަށްޓަކައި މުޅި އުމުރު ހޭދަކުރި މީހެއް،" ޒަމްބީއާގެ ފޮރިން މިނިސްޓްރީގެ ދާއިމީ ސެކެޓްރީ ޖޯޖް ޒޫލޫ ސީއެންއެން އަށް ބުންޏެވެ.
ޒަމްބިއާގެ ރައީސް ސާޓާގެ އާލާސްކަންފުޅާމެދު އެ ގައުމުން ދަނީ އަބަދުވެސް ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް ސާޓާ ވަނީ ކޮންމެ ފަހަރަކު ވެސް އެމަނިކުފާނުގެ ހާލު ރަނގަޅު ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ގައުމުގައި އެމަނިކުފާނުގެ އާލާސްކަންފުޅާ މެދު ދެކެވޭ ވާހަކައަށް ސަމާލު ކަމެއް ނުދެއްވާކަން ވެސް މީޑިއާގެ ރިޕޯޓުތަކުން ބުނެއެވެ.
"އަހަރެން އަދި މަރެއް ނުވޭ،" ސާޓާގެ އާލާސްކަންފުޅާ މެދު ދެކެވުނު ވާހަކަތަކަށް ހަޖޫ ޖެއްސެވުމުގެ ގޮތުން ޒަމްބިއާގެ ވެރިރަށް ލުސާކާގައި އޮތް ޕާލަމެންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވެފައިވެ އެވެ.
އޭގެ ފަހުން ވެސް ޔުނައިޓަޑް ނޭޝަންސް (އދ)އިން ބޭއްވި ޖެނެރަލް އެސެބްލީއަށް ވެސް ސާޓާ ވާހަކަފުޅު ދެއްކުވުމަށް ހަމަޖައްސާފައިވާ ގަޑިއަށް އެމަނިކުފާނު ވަޑައިނުގަތުމުން ވެސް އެމަނިކުފާނުގެ ސިއްހީ ހާލަތާމެދު މީޑިއާ އިން ސުވާލުއުފުލާފައިވެ އެވެެ.