29 Oct 2014, 17:22
ސްޕެއިންގެ މަޝްހޫރު ރެއާލް މެޑްރިޑުން އެޓީމުގެ ދަނޑު ކަމުގައިވާ ސެންޓިއާގޯ ބެރްނަބެއު ތަރައްގީ ކުރުމަށާއި ކްލަބް ޕްރޮމޯޓް ކުރުމަށް އަބޫދާބީގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އަބޫދާބީގެ ކުންފުންޏެއް ކަމަށްވާ އިންޓަނޭޝަނަލް ޕެޓްރޯލިއަމް އިންވެސްޓްމެންޓް ކޮމްޕެނީ (އައިޕީއައިސީ) އާއެކު ދިގު މުއްދަތެއްގެ އެއްބަސްވުމެއްގައި މެޑްރިޑްގެ ރައީސް ފިއޮރެންޓީނާ ޕެރޭޒް ވަނީ ސޮއި ކޮށްފައެވެ.
އާ އެއްބަސްވުމެއްގެ ދަށުން ރެއާލްގެ ބެރްނަބެއު ސްޓޭޑިއަމް ދުނިޔޭގައިވާ އެންމެ ފުރިހަމަ ސްޓޭޑިއަމަށް ހެދޭނެ ކަމަށް އެ ކުލަބުން ބުންޏެވެ.
އައިޕީއައިސީ އިން ބުނި ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން މެޑްރިޑްގައި އާ ފުޓްބޯޅަ ސްކޫލްތަކާއި މިއުޒިއަމްތައް ގާއިމްކުރެވި އެތަންތަނުން ދޭ ޚިދުމަތްތައް މިހާރަށްވުރެ ބޮޑަށް ފުރިހަމަ ކުރެވިގެންދާނެ އެވެ. އާ އެއްބަސްވުމުގެ ދަށުން ބެރްނަބެއުގައި އާ ހޮޓާތަކާއި ރެސްޓޯރެންޓް ތަކާއި ފިހާރަތައް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ސްޓޭޑިއަމްގެ ބޭރު އިތުރަށް ފަރުމާ ކުރުމާއި ޑިޒައިން ބަދަލު ކުރުން ހިމެނެއެވެ. ސްޓޭޑިއަމް ފަރުމާ ކުރުމުގައި ހަރަކާތްތެރި ވަނީ ބްރެޒިލްގެ އެރީނާ އެމަޒޯނިއާ ސްޓޭޑިއަމް ހެދުމުގައިވެސް ހަރަކާތްތެރިވި އާކިޓެކްޓުންކަމަށް ރިޕޯޓްތައް ބުނެއެވެ.
ބެރްނަބެއު ސްޓޭޑިއަމް 1947 ގައި ހެދުމަށްފަހު އެކި ފަހަރު މަތިން އެތަން މަރާމަތުކޮށް ރީބްރޭންޑް ކޮށްފައިވެ އެވެ. ނަމަވެސް ފަހުގެ ތާރީޚެއްގައި އެ ސްޓޭޑިއަމަށް އެންމެ ބޮޑު ތަރައްގީއެއް ގެނެސްފައިވަނީ 1982 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ތައްޔާރު ވުމުގެ ގޮތުންނެވެ.
ދުނިޔޭގެ މެގަޒިން ޖަމިއްޔާއެއް ކަމަށްވާ ފޯބްސް އިން އެންމެ ފަހުން ނެރުނު ޗާޓްގައި ވާގޮތުން ޔޫރަޕްގެ ޗެމްޕިއަން ރެއާލް މެޑްރިޑަކީ ދުނިޔޭގެ އެންމެ މުއްސަނދި ކްލަބެވެ. އެޓީމަށް އަހަރެއްގެ ތެރޭގައި 782.4 އެމެރިކާ ޑޮލަރު އާމްދަނީއެއްގެ ގޮތުގައި ލިބޭކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.