29 Oct 2014, 17:10
ރަޝީޔާގައި 2018 ވަނަ އަރު ބޭއްވުމަށް ހަމަޖެހިފައިވާ ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތުގެ ރަސްމީ ލޯގޯ ފީފާގެ ރައީސް ސެޕް ބްލެޓާ ދައްކާލައިފި އެވެ.
ރަޝިޔާ ދިދައިގައި ހިމެނޭ ކުލަތައް ކަމުގައިވާ ނޫ ކުލައާއި ރަތް ކުލައިން ލޯގޯގެ އެތެރެ ޖަރީ ކުރެވިފައިވާއިރު އޭގެ ރޮނގުތައް ދަމާލެވިފައިވަނީ ރަން ކުލައިންނެވެ.
ރަޝިއަން ސްޓޭޓް ޓީވީ ޝޯއެއްގައި އެ ލޯގޯއާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ބްލެޓާ ވިދާޅުވީ، އެ ލޯގޯއިން ރަޝިޔާގެ 'ހިތާއި ރޫހު' ރަމްޒުކޮށްދޭ ކަމަށެވެ.

ރަޝިއާގެ ތިން ކޮސްމޯނޯޓުން އެމީހުންގެ ސްޕޭސް ސްޓޭޝަންގައި ވޯލްޑް ކަޕް ރަޝިއާ 2018 ލޯގޯ ދައްކާލަނީ -- ފޮޓޯ: އާރުޓީ ޓްވީޓް
މި ލޯގޯ ދައްކާލެވިފައިވަނީ ރަޝިއާގެ ތިން ކޮސްމޯނޯޓުން އެމީހުންގެ ސްޕޭސް ސްޓޭޝަންގައި ކޮށްފައިވާ ވީޑީއޯ ލިންކް އަކާއެކު އެވެ. އެއިން އެއް ކްރޫ އަކު ބުނީ ރަޝިޔާގައި ވޯލްޑް ކަޕް ބާއްވާން ހަމަޖެހިގެން ދިއުމަކީ އެ އެންމެނަށްވެސް ހުވަފެނެއް ހަގީގަތަކަށް ވެގެން ދިޔަ ކަމެއް ކަމަށެވެ.
ޓީވީން ފުރަތަމަ ފަހަރަށް ލޯގޯ ދައްކާލި ވަގުތު މޮސްކޯގެ ބޮލްޝޮއީ ތިއޭޓަރަށް އެ ލޯގޯ ވަނީ ޕްރޮޖެކްޓް ކޮށްފައެވެ.