މިއަހަރުގެ ތިން ވަނަ ކުއާޓަރަކީ ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކުރެވުނު ތިންމަސް ކަމަށް މޯލްޑިވްސް ކަސްޓަމް ސާވިސްގެ ތަފާސް ހިސާބު ތަކުން ދައްކައިފި އެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބްތައް ދައްކާގޮތުން މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ދިވެހިރާއްޖެއަށް 7.9 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ. މިއީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި ރާއްޖެއަށް އިމްޕޯޓްކުރި މުދަލާ އަޅައިބަލާއިރު 4.2 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިއީ މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި އިމްޕޯޓްކުރި މިންވަރާ އަޅައިބަލާއިރު 18 ޕަސެންޓް އިތުރު އަދަދެކެވެ.

މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި އިމްޕޯޓް ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ އެމުއްދަތައް ވުރެ 21 ޕަސެންޓް އިތުރުވެފައެވެ. އެގޮތުން އެ ކުއާޓަރުގައި ކަސްޓަމްސްގެ އާމްދަނީގެ ގޮތުގައި 475.4 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ފާއިތުވި އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 394.4 މިލިއަން ރުފިޔާ އެވެ.

ތިން ވަނަ ކުއާޓަރުގައި ރާއްޖެއަށް އެތެރެ ކުރެވުނު ތަކެތީގެ ތެރެއިން އަގުގެގޮތުން އެންމެ ބޮޑު ހޭދައެއް ކުރެވިފައި ވަނީ ތެލުގެ ބާވަތްތަކަށެވެ. އެގޮތުން 2.3 ބިލިއަން ރުފިޔާގެ ތެލުގެ ބާވަތްތައް އެތެރެކުރުމަށް ހަރަދުކޮށްފައިވެ އެވެ. އަދި ދެވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ކާބޯތަކެތީގެ ބާވަތްތަކެވެ. އެއީ 1.4 ބިލިއަން ރުފިޔާ އެވެ. ތިންވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މެޝިނަރީއާއި އިލެކްޓްރޯނިކްސްގެ ބާވަތްތައް އިމްޕޯޓްކުރުމަށެވެ. އެެ ބާވަތްތަކުގެ މުދަލުގެ އަގަށް 1.2 ބިލިއަން ރުފިޔާ އަރައެވެ.

ތިން ވަނަ ކުއާޓަރަށް ބަލާއިރު ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކުރެވުނު ގައުމަކީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އެވެ. އެ މުއްދަތުގައި އެ ގައުމުން ދިވެހިރާއްޖެއަށް 1.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު، މިއީ މި މުއްދަތުގައި ރާއްޖެއަށް އިމްޕޯޓްކުރެވުނު ޖުމްލަ މުދަލުގެ އަގުގެ 23 ޕަސެންޓެވެ. ދެވަނައަށް އެންމެގިނައިން މުދާ އިމްޕޯޓްކުރެވިފައިވާ ސިންގަޕޫރުން 1.3 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކުރެވިފައި ވާއިރު ތިން ވަނައަށް އެންމެ ގިނައިން ރާއްޖެއަށް މުދާ އެތެރެކޮށްފައިވާ މެލޭޝިޔާ އިންނެވެ. އެގައުމން 766.2 މިލިއަން ރުފިޔާގެ މުދާ ރާއްޖެ އެތެރެކޮށްފައިވެ އެވެ.

މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި ރާއްޖެއިން އެކްސްޕޯޓްކުރި މިންވަރު ވަނީ 2013 ވަނަ އަހަރުގެ ތިން މަސް ދުވަހާ އަޅައިބަލާއިރު 20 ޕަސެންޓް ދަށްވެފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 555.5 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓް ކޮށްފައިވާއިރު، މިއަހަރުގެ ތިންވަނަ ކުއާޓަރުގައި މިއަދަދު ވަނީ 443.6 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރެކޭ އެއްގޮތަށް މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ވެސް ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވާ ގައުމަކީ ތައިލެންޑެވެ. މި މުއްދަތުގައި އެ ގައުމަށް އެކްސްޕޯޓްކޮށްފައިވާ މުދަލުގެ އަގު 90.3 މިލިއަން ރުފިޔާއަށް އަރާއިރު މިއީ މި މުއްދަތުގައި ރާއްޖެއިން އެކްސްޕޯޓްކުރި މުދަލުގެ 20 ޕަސެންޓެވެ. ދެ ވަނައަށް އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވާ ގައުމުތަކަށް ބަލާއިރު ފްރާންސްއަށް 88.9 މިލިއަން ރުފިޔާގެ (20 ޕަސެންޓްގެ) މުދާ އެކްސްޕޯޓްކޮށްފައިވާއިރު އެމެރިކާއަށް 44 މިލިއަން ރުފިޔާ (10 ޕަސެންޓް)ގެ މުދާ ވަނީ އެކްސްޕޯޓް ކޮށްފައެވެ. އަދި އިނގިރޭސިވިލާތަށް 42 މިލިއަން ރުފިޔާ (ނުވަ ޕަސެންޓް)ގެ މުދާ އެކްސްޕޯޓްކޮށްފައި ވާއިރު ސްރީލަންކާއަށް 40.2 މިލިއަން ރުފިޔާ ގެ މުދާ ވަނީ އެކްސްޕޯޓް ކޮށްފައެވެ.

ކަސްޓަމްސް އިން ބުނީ، މިއަހަރު ތިންވަނަ ކުއާޓަރުގައި ރާއްޖެއިން މުދާ އެކްސްޕޯޓްކުރި މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށްވެފައިވީ ނަމަވެސް، އެމެރިކާ އަށާއި ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ފްރާންސް އަދި އިނގިރޭސި ވިލާތަށް ކުރެވުނު އެކްސްޕޯޓްގެ މިންވަރު މިދިޔަ އަހަރުގެ ތިން ކްއާޓަރާ އަޅައިބަލާއިރު އިތުރުވެފައިވާ ކަމަށެވެ.