އައްޑޫ ސިޓީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް މަރާމާތުކުރަން 1،485،343.99 (1.4 މިލިޔަން) ރުފިޔާގެ އަގަކަށް ބަޔަކާ ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހިތަދޫ ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަޝްރޫއު ހަވާލުކުރީ ފަލަކް އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑާ އެވެ.

ހެލްތު މިނިސްޓްރީން ބުނީ 93 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި އެ މަޝްރޫއުގެ ދަށުން ހޮސްޕިޓަލްގެ އިމާރާތާއި ވަކިން ހަދާފައިވާ ޕްރައިވެޓް ރޫމްތަކާއި އިންޖީނުގެއާއި މެޑިކަލް ސްޓޯރުތަކާއި ޖެނެރަލް ސްޓޯރުތަކާއި އޭއެންސީ ކްލިނިކާއި ލޯންޑްރީގައި ކުރަން ހުރި މަރާމާތުގެ މަސައްކަތްތައް ކުރާނެ ކަމަށެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ މައި އިމާރާތް މަރާމާތުކުރުމުގެ މަސައްކަތް 1.2 މިލިޔަން ރުފިޔާގެ އަގަކަށް ސަން ޝެލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ކުރިން ވަނީ ހަވާލުކޮށްފައެވެ. މިއަހަރުގެ ސެޕްޓެމްބަރުމަހުގެ އަށް ވަނަ ދުވަހު ހަވާލުކުރި އެ މަސައްކަތް އަންނަ ޑިސެމްބަރުމަހުގެ ކުރީކޮޅުގައި ނިންމާލެވޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ފަލަކް އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކުރި މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓްރީ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމެވެ. އަދި ފަލަކް އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނާޒިމު ވިދާޅުވީ، އައްޑޫ ސިޓީގައި ސަރުކާރުން އަޅަން ނިންމާފައިވާ 100 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހު އިންޓަނޭޝަނަލް ޓެންޑަރަށް ހުޅުވައިލައްވާނެ ކަމަށެވެ. އަދި ވިދާޅުވީ އެ ހޮސްޕިޓަލު އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ޕްރީ ކޮލިފިކޭޝަން ޕްރޮސެސް އަންނަ ހަފުތާގައި ފެށޭނެ ކަމަށެވެ.

އަދި ހޮސްޕިޓަލުގެ މަސައްކަތް ލަސްވާ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"... ހޮސްޕިޓަލްގެ މަސައްކަތް ލަސްވާ ކަމަކަށް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ. އަޅުގަނޑުމެން އެ ހޮސްޕިޓަލުގެ އިމާރާތަށް ބޭނުންވާ ކޮންސްޓްރަކްޝަން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޓަކައި ޕްރީ ކޮލިފިކޭޝަނަށް އަންނަ ހަފުތާގައި ހުޅުވައިލާނަން،" ނާޒިމު ވިދާޅުވި އެވެ.