29 Oct 2014, 15:45
އަގުބޮޑު އިނާމުތަކެއް ލިބޭގޮތައް 45 ސްޓޯލާއެކު މިއަހަރުގެ ލިވިން އެކްސްޕޯ ދަރުބާރުގޭގައި މިއަދު ފަށައިފި އެވެ.
ހައިރައިޒް އިން އިންތިޒާމުކޮށްގެން ބާއްވާ އެ އެކްސްޕޯ ދަރުބާރުގެގައި މިއަދު ރަސްމީކޮށް ހުޅުވައިދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ.
ފެއާ އިންތިޒާމު ކުރާ ހައިރައިޒުން ބުނީ މި ފެއާގެ އެންމެ ބޮޑު އެއް މަގުސަދަކީ މުދާ ގަންގަން ނުވަތަ މައުލޫމާތު ހޯދަން ބޭނުންވާ ކޮންމެ ކަސްޓަމަރަކު ކޮންމެ ފަހަރަކު ވެސް ފިހާރައަށް ނުވަތަ އެ ކުންފުންޏަކަށް ގޮސް މައުލޫމާތު ހޯދުމުގެ ބަދަލުގައި އެއްތަނަކުން ހުރިހާ މައުލޫމާތެއް ލިބި ވިޔަފާރި ކުރެވޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.
މިފަހަރުގެ ފެއާގައި ވެސް ހޯމް ފައިނޭންސް އާއި ގެދޮރު ޒީނަތްތެރިކުރަން ބޭނުންވާ ސާމާނާއި ގޭތެރޭގައި ގެންގުޅޭ އިލެކްޓްރޯނިކް ސާމާނާއި ފަރުނީޗަރު ސްޓޯލްތައް ވަނީ ހިމަނައިފަ އެވެ. މީގެ އިތުރުން ކުރީ ފަހަރާ ހިލާފަށް މި ފަހަރުގެ ފެއާގައި ލައިފް ސްޓައިލް ޓްރެވަލް އާއި ޓްރެވަލް އިންޝުއަރެންސް އަދި ގެދޮރު ޑިޒައިން ކުރުމާ ބެހޭ ސްޓޯލްތައް ވެސް ވަނީ ހިމަނާފަ އެވެ.
އާއްމުކޮށް ހުޅުވާފައިވާ އެ ފެއާއަށް ޒިޔާރަތްކޮށްގެން ގުރުއަތުން ލިބޭ އިނާމުތަކުގެ ތެރޭގައި ޝީޝާ އިން ހުށަހަޅާފައިވާ ހޮންޑާ ކްލިކް125-އައި ސައިކަލަކާއި ރީފްސައިޑުން ހުށަހަޅާފައިވާ 40 އިންޗީގެ ސޮނީ ބްރާވިއާ ޓީވީއަކާއި އިނަރ މޯލްޑިވްސް އިން ހުށަހަޅާފައިވާ ފްލައި ޑުބާއީގެ ދެކޮޅު ޓިކެޓް ދެ މީހަކަށް އަދި ސްރީލަންކަން އެއާލައިންސްގެ ދެކޮޅު ޓިކެޓް ދެ މީހަކަށް ދިނުން ހިމެނެ އެވެ.
މިމަހު 31 ވަނަ ދުވަހުގެ ނިޔަަލަށް ކުރިއަށްދާ މޯލްޑިވްސް ލިވިންގް އެކްސްޕޯގެ މެއިން ސްޕޮންސަރަކީ ސީލައިފް ގްލޯބަލް އެވެ. ކޯ ސްޕޮންސަރުންނަކީ ރީފްސައިޑާއި އީވޯ ހޯމާއި ޝީޝާ އެވެ. އަދި މި އެކްސްޕޯގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ.