މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ދާއިމީ 17 ކޮމެޓީއަކަށް ކުރިމަތިލުމުގެ ފުރުސަތު އެޕާޓީން މިއަދު ހުޅުވާލައިފި އެވެ.

އެމްޑީޕީގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ، ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަކީ އެމްޑީޕީއަށް ވާއިރު، އަސާސީ ގަވާއިދުގެ ދަށުން އެ ޕާޓީ އެކުލަވާލާފައި ވަނީ ވަރަށް ހާއްސަ ކޮމެޓީ ތަކެއްގެ މައްޗަށް ކަމަށެވެ. އަދި އެ ޕާޓީ މަސައްކަތް ކުރުމުގައި އެ ކޮމެޓީތަކުގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.

އެގޮތުން ފުރުސަތު ހުޅުވާލާފައިވާ ކޮމެޓީ ތަކަކީ ބައިނަލްއަޤުވާމީ ގުޅުންތަކާ ބެހޭ ކޮމެޓީ އާއި ދަތުރުފަތުރާ ބެހޭ ކޮމެޓީ އާއި ގެދޮރާ ބެހޭ ކޮމެޓީގެ އިތުރުން ހައްގު ކޮމެޓީއާއި ހޯދުންތަކާއި ސިޔާސަތު އެކުލަވާލުމާ ބެހޭ ކޮމެޓީ އާއި އިންތިޚާބާ ބެހޭ ކޮމެޓީ އެވެ. އަދި އިންތިޒާމްކުރުމާ ބެހޭ ކޮމެޓީ އާއި އިގްތިސާދީ ކަންކަމާ ބެހޭ ކޮމެޓީ އާއި މާލިއްޔަތާއި ޗަންދާ ކޮމެޓީ އާއި މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ކޮމެޓީ އާއި މީޑިއާ ކޮމެޓީގެ އިތުރުން މެމްބަޝިޕާއި ކެމްޕޭން ކޮމެޓީ އާއި ޤާނޫނީ ކޮމެޓީ އާއި ސަލާމަތާ ބެހޭ ކޮމެޓީއާއި ސިއްހަތާ ބެހޭ ކޮމެޓީ އާއި ތައުލީމާ ބެހޭ ކޮމެޓީ އާއި މަސައްކަތާއި އިޖްތިމާއީ ޚިދުމަތްތަކާ ބެހޭ ކޮމެޓީއަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ޕާޓީ ހިންގުމުގައި ކޮމެޓީތަކުގެ ދައުރު ވަރަށް މުހިންމު ކަމަށާއި ސަރުކާރު ހިންގާ ގޮތް ގާތުން ބަލައި ދިރާސާ ކުރުންވެސް ޕާޓީ ތަކުގެ މަސްއޫލިއްޔަތުގެ ތެރޭ ހިމެނޭ ކަމަށް އިންތި ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ބޭނުމަކީ ވީހާވެސް ޓްރާންސްޕޭރެންޓް ގޮތެއްގައި ދެފުށް ފެންނަ ގޮތަށް މިފަދަ ފުރުސަތުތައް ހުޅުވާލެވިގެން ޝައުގުވެރިވާ ބޭބޭފުޅުން ބައްދަލު ކުރެވި ކޮމެޓީ ތަކުގެ މެމްބަރުންގެ ގޮތުގައި ނޫނިއްޔާ މަސައްކަތް ކުރައްވާ ބޭފުޅުންގެ ގޮތުގައި ހަމަޖެހިގެން ދާނެ ގޮތް ހެދުން،" އިންތި ވިދާޅުވި އެވެ.

އެމްޑީޕީން ބުނީ، އަންނަ މަހުގެ ދޭއްގެ ކުރިން ކޮމެޓީތަކުގައި މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކުން އެކަން ހާމަކޮށް އެ ޕާޓީއަށް ސިޓީ ފޮނުވަން ޖެހޭނެ ކަމަށެވެ.