29 Oct 2014, 15:22
ގެއްލިގެން ހޯދަމުން އަންނަ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން ވަރަށް ބޮޑަށް އިހުމާލު ވެފައިވާ ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެ އެވެ.
ރިލްވާން ގެއްލުނު މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް 5000 އަށް ވުރެ ގިނަ މީހުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީއަށް ހުށަހަޅާފައިވާ ޕެޓިޝަން ބޭރުކޮށްލުމާ ގުޅޭގޮތުން އެމްޑީޕީ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިންތި މިއަދު ވިދާޅުވީ، އެކަމަކީ މަޖިލީހުން ގަސްތުގައި ކުރި ކަމެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
އިންތި ވިދާޅުވީ، މިހާރު ފެންނަ ހަގީގަތަކީ ރައްޔިތުން ތަމްސީލު ކުރަންޖެހޭ އަދި ސަރުކާރު ތަކުން ނުބަލާ މައްސަލަތަކުގައި ރައްޔިތުންގެ ހުންނަ ކަންބޮޑުވުންތައް ފާޅުކޮށް ޕެޓިޝަންތައް ހުށަހެޅުމަށް ލާޒިމުކޮށްފައި ހުންނައިރު، ރައްޔިތުންގެ މަޖިލީހުން ރިލްވާނުގެ މައްސަލައިގައި ވަރަށް ބޮޑަށް އިހުމާލު ވެފައިވާ ކަމަށެވެ.
މަޖިލީހުން އެ ޕެޓިޝަން ބޭރުކޮށްލާފައިވަނީ ޕެޓިޝަން ހުށަހެޅޭނެ ދާއިރާތައް ބަޔާންކުރާ 199 މާއްދާ އާއި އަދި 200 ވަނަ މާއްދާ އަށް ނުފެތޭތީ ކަމަށް ބުނެ ކަމަށް ވެސް އިންތި ވިދާޅުވި އެވެ. ޝަރުތު ހަމަނުވާ ކަމަށް ބުނެ ޕެޓިޝަން ބޭރުކޮށްލި ނަމަވެސް ހުރިހާ ޝަރުތެއް ހަމަކަން ފަހުން އެނގުމުން އެކަން ކުރިއަށްގެންދާނެ ގޮތެއް ބަލަމުން އަންނަ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފައިވާ ކަމަށް ވެސް އިންތި ވިދާޅުވި އެވެ.
"ޝަރުތު ހަމަނުވާ ކަމަށް ވިދާޅުވި އިރު ހުރިހާ ޝަރުތެއް ހަމަ. އަޅުގަނޑުމެން ކުރިމަތީގައި މި ސުވާލުތައް ދެންނެވީމަ ގަވާއިދުފޮތް ހުޅުވައިގެން ތިއްބަވާ އެންމެފަހުން އެކަމަށް އެއްބަސްވީ. އެއްވެސް މައްސަލައެއް ނެތް ކަމަށް ފަހުން ވިދާޅުވި،" އިންތި ވިދާޅުވި އެވެ.
ރިލްވާން ގެއްލުމާ ގުޅިގެން 5000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ޕެޓިޝަން ހުށަހަޅާފައިވަނީ ގައުމީ ސަލާމަތުގެ ކޮމެޓީއަށެވެ. ސަރުކާރު ހިންގާ ޕީޕީއެމްގެ މެޖޯރިޓީ އޮންނަ އަދި އެ ޕާޓީއަށް ނިސްބަތްވާ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ މުގައްރިރަކަށް ހުންނަވާ ކޮމެޓީއަށް ޕެޓިޝަން ހުށަހަޅާފައިނުވާ ކަމަށް އޭނާ ވަނީ ސަން އަށް ވިދާޅުވެފަ އެވެ.
އިންތި ވިދާޅުވީ، ރިލްވާން ގެއްލުމާއި ގުޅޭ ގޮތުން މަޖިލީހުގެ ހުރިހާ ކޮމެޓީއަކަށް ހުށަހެޅި ހުރިހާ މައްސަލައެއް ވެސް "މަރާލަމުން ވަޅުލަމުންދާތަން" ފެންނަ ކަމަށާއި އެގޮތުން މިނިވަން މުއައްސަސާއަށާއި މަޖިލީހުގެ 241 ކޮމެޓީއަށް ވެސް އެ މައްސަލަ ހުށަހަޅެމުން "މަރާލައި ވަޅުލާފައި"ވާ ކަމަށެވެ. އަދި އެކަމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް އިންތި ވިދާޅުވި އެވެ.
ރިލްވާން ގެއްލިފައިވާތާ މިއަދަށް 82 ދުވަސް ވެފައި ވީނަމަވެސް އޭނާ ހޯދުމަށް ކުރަމުން ގެންދާ މަސައްކަތުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް ރިލްވާންގެ އާއިލާއިން ވަނީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަން (ޕީއައިސީ) އަށް މިއަދު މައްސަލައެއް ހުށަހަޅައިފަ އެވެ.