ސިފައިންގެ ވަޒީފާއިން ވަކިކުރި ސާޖަންޓް މޭޖާ ނައުޝާދު އަލީއަށް އަލުން ވަޒީފާ ދިނުމަށް ދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ނައުޝާދު ވަޒީފާއިން ވަކިކޮށްފައި ވަނީ ގާނޫނު އަސާސީގެ 68 ވަނަ މާއްދާގައި ވާގޮތުގެމަތިން ހައިކޯޓާއި ސުޕްރީމް ކޯޓުގެ ގަޒިއްޔާއެއްގައި ލިބިދިނުމަށް ކަނޑައަޅާފައިވާ "ނެޗްރަލް ޖަސްޓިސް" އަދި "ޑިއުޕްރޮސެސް" އޭނާއަށްދީފައިކަން ދައުލަތުން ޝަރީއަތަށް ސާބިތުކޮށްދީފައިނުވާ ކަމަށެވެ.

އިއްޔެއިން ފެށިގެން 30 ދުވަހުގެ ތެރޭގައި ނައުޝާދުގެ ވަޒީފާ އަލުން އިއާދަކޮށްދިނުމަށާއި އަދި އޭނާގެ މުސާރަ އާއި އިނާޔަތްތައް ވަޒީފާ އިއާދަކޮށްދިނުމާ ހަމައަށް ލިބިދިނުމަށް އެމްއެންޑީއެފްގެ މައްޗަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ނައުޝާދާއެކު އިތުރު ބަޔަކު ވެސް ސިފައިންގެ ވަޒީފާއިން ވަކިކޮށްފައިވެއެވެ. އެ އެންމެން ވަޒީފާއިން ވަކިކޮށްފައި ވަނީ ސިފައިންގެ ތެރޭގައި ފިތުނަފަސާދަ އުފައްދަން މަސައްކަތްކުރާ ކަމަށް ބުނެއެވެ.