26 Jan 2011, 07:49
ލީމާ : ލެޓިން އެމެރިކާގެ އިތުރު ޤައުމެއް ކަމަށްވާ ޕެރޫއިން ފަލަސްތީނުގެ މިނިވަން ދައުުލަތަށް އިޢްތިރާފް ވެއްޖެއެވެ. މިކަން ހާމަކުރައްވަމުން ޕެރޫގެ ޚާރިޖީ ވަޒީރު ޚޮސޭ އެންޓޯނިޔޯ ގާސިޔާ ވިދާޅުވީ ފަލަސްތީނުން އިޢްލާން ކޮށްފައިވާ މިނިވަން ދައުލަތަށް ޕެރޫގެ ސަރުކާރުން އިޢްތިރާފްވާ ކަމަށާއި ފަލަސްތީނުގެ ނިގުޅައިގަނެފައިވާ ޙައްޤުތައް އަނބުރައި ހޯދުމަށް ފަލަސްތީނުގެ ރައްޔިތުން ކުރަމުން ގެންދާ މަސައްކަތްތަކަށް ޕެރޫ ތާއީދު ކުރާ ކަމުގައެވެ.
މިއީ، ފަލަސްތީނުގެ މިނިވަން ދައުލަތަށް އިޢްތިރާފްވި ލެޓިން އެމެރިކާގެ 11 ވަނަ ޤައުމެވެ. މި 11 ޤައުމުގެ ތެރޭގައި ލެޓިން އެމެރިކާގެ އެންމެ ބާރުގަދަ އަދި އެންމެ ބޮޑު ޤައުމުކަމަށްވާ ބްރަޒީލްގެ އިތުރުން އާޖެންޓީނާ، އުރުގުއޭ، ބޮލީވިޔާ، ކޮސްޓަރީކާ، ނިކަރާގުއާ ވެނެޒުއެލާ، ޗިލީ ގުޔާނާ އަދި ކިޔުބާ ހިމެނެއެވެ.
1989 ގައި ޕީ.އެލް.އޯ.އިން ފަލަސްތީނުގެ މިނިވަން މުސްތަޤިއްލު ދައުލަތް އިޢްލާން ކުރުމާއެކު ޢަރަބި ޤައުމުތަކާއި އިސްލާމީ ހުރިހާ ޤައުމަކުން އެދައުލަތަށް އިޢްތިރާފް ވެފައިވެއެވެ. ޢަރަބި އިސްލާމީ ޤައުމުތަކުގެ އިތުރުންވެސް އޭޝިޔާއާއި އެފްރިކާގެ ގިނަޤައުމުތަކާއި މެދުތެރޭ އެމެރިކާގެ ބައެއް ޤައުމުތަކުން އެދުވަސްވަރު ފަލަސްތީނުގެ މިނިވަން ދައުލަތަށް އިޢްތިރާފް ވެފައިވެއެވެ.
ފަލަސްތީނުގެ މިނިވަން ދައުލަތުގައި ހިމެނޭ ދެސަރަޙައްދު ކަމަށްވާ ޣައްޒާއާއި ހުޅަނގު އައްސޭރިވަނީ އިސްރާއީލުގެ އަޅުވެތިކަމާއި އިސްތިޢްމާރުގެ ދަށުގައެވެ. މިދެސަރަޙައްދުން ފޭބުމަށް އިސްރާއީލަށް ގޮވާލާ އދ. ގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތަކަށް ސާޅީސް އަހަރު ވެފައިވާއިރުވެސް އިސްރާއީލުން ގެންދަނީ މިޤަރާރުތަކަށް ގޮންޖަހައި ހަރުކަށިކަން ދައްކައި އަނިޔާވެރިކަމާއި އަޅުވެތިކަން ކުރިޔަށް ނެރެމުންނެވެ. އަދި މިދެސަރަޙައްދު ދާއިމީ ގޮތަކަށް އަތްދަށުލުމަށްޓަކައި ދުނިޔޭގެ އެތަންމިތަނުން ޔަހޫދީން ގެނަސް މިތަންތަނުގައި ވަޒަންވެރި ކުރުވުމުގެ މަސައްކަތްވެސް ފާޅުކަންބޮޑު ގޮތެއްގައި އިސްރާއީލުން ކުރިޔަށް ގެންދެއެވެ. ނަމަވެސް އެމެރިކާއާއި ޔޫރަޕް އިސްރާއީލުގެ ޙިމާޔަތުގައި އޮތުމުގެ ސަަބަބުން އިސްރާއީލާ ދެކޮޅަށް ފިއްތުންތައް ކުރިމަތި ކުރުމުގައި އދ. އާއި ބައިނަލްއަޤްވާމީ މުޖްތަމަޢުވަނީ ނާކާމިޔާބުވެފައެވެ.
ފަލަސްތީނުން އިޢްލާންކޮށްފައިވާ މިނިވަން ދައުލަތަށް އިޢްތިރާފްނުވާ ދައުލަތްތަކުން މިދައުލަތަށް އިޢްތިރާފް ވުމަށް އެދި ފަލަސްތީނުގެ ޒާތީ އިދާރާއިން ބައިނަލްއަޤްވާމީ ކޭންޕޭނެއް ފެށީ މީގެ ވިއްސަކަށް އަހަރު ކުރިން އިސްރާއީލާއެކު ފަލަސްތީނުންފެށި ސުލްޙައިގެ ވާހަކަތައް ނާކާމިޔާބު އެވާހަކަތަކުން އެއްވެސް ނަތީޖާއެއް ފަލަސްތީނަށް ޙާސިލް ނުކުރެވުމުންނެވެ. އިސްރާއީލާ ސުލްޙަވެގެން އަދި ވާހަކަ ދައްކައިގެން ފަލަސްތީނުގެ އެއްވެސް ޙައްޤެއް ނުލިބޭނެނެ ކަމާއި ފަލަސްތީނުގެ ބިންތައްވެސް މިނިވަން ނުކުރެވޭނެ ކަމާއި ސުލްހައިގެ ވާހަކަތަކަކީ ވަގުތު ނަގާލުމެއް ކަމުގެ ތަޖްރިބާ ފަލަސްތީނަށް ކުރެވުމުންނެވެ.
ދުނިޔޭގެ ޤައުމުތަކުން ފަލަސްތީނުގެ މިނިވަން ދައުލަތަށް އިޢްތިރާފް ވަމުންދާތީ އިސްރާއީލާއި އިސްރާއީލުގެ އިސްތިޢްމާރަށް ވާގިވެރިވާ އެމެރިކާ ދަނީ ކަންބޮޑުވާކަން ހާމަކުރަމުންނެވެ. -- ނޫސްއެޖެންސީތައް